މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި މަރުވާ މީހުން، މާދަމާ ހެނދުނުން ފެށިގެން ވަޅުލާނީ ހުޅުމާލޭގައި އަލަށް ހެދި ސަހަރާގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު މިއަދު ސަން އަށް ވިދާޅުވީ، މާދަމާ ހެނދުނުން ފެށިގެން މާލެ އާއި ހުޅުމާލެއާއި ވިލިމާލޭގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ސަހަރާގައި ކަމަށެވެ.

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސަހަރާގައި އެއް ފަހަރާ ހަތަރު މީހުން ހިނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެތަނުގައި ނަމާދު ކުރާނެ ކޮޓަރިއަކާއި މީހުން މަޑުކޮށްލައިގެން ތިބެވޭނެ ކޮޓަރިއެއްވެސް ވަނީ ގާއިމްކޮށްފައެވެ.

މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން، ވިދާޅުވެފައި ވަނީ، އެ ހޮސްޕިޓަލުގައި ނިޔާވާ ފަރާތްތައް އެމްބިއުލާންސްގައި މައްޔިތާ އުފުލާފެރީ އޮންނަ ސަރަހައްދު ކަމަށްވާ ނަސަންދުރާ ކުރިމައްޗަށް 60 ރުފިޔާއަށް ގެންގޮސްދޭނެ ކަމަށެވެ. ހަމައެހެންމެ އެމްޓީސީސީގެ ފެރީގައި މައްޔިތާ 608 ރުފިޔާއަށް ހުޅުލެއަށް ގެންގޮސް ހުޅުލެއިން ވެހިކަލެއްގައި 160 ރުފިޔާއަށް ހުޅުމާލޭ ސަހަރާއަށް ގެންދެވޭނެ ކަމަށް ރިޝްވާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އާސަންދައިން ކަވަރުކޮށްދޭ ފަރާތްތަކަށް އެކަންކަމަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށާއި، އެހެން ފަރާތްތަކުން ފައިސާ ދެއްކުމުން ހިދުމަތް ދެވިގެންދާނެ ކަމަށެވެ.

މައްޔިތާ އުފުލާ ދަތުރާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ލަތީފް ވިދާޅުވެފައި ވަނީ، އެކުންފުނިން ބޭނުންކުރާ ފެރީގައި އެއް ފަހަރާ ދެ މައްޔިތުން އުފުލޭނެ ކަމަށެވެ. އާއިލާގެ ފަރާތްތަކުން ދިއުމަށް އެފެރީއަށް އެހާ ގިނަ ފަރާތްތަކަށް ނޭރުނު ނަމަވެސް، ހުޅުމާލޭ ފެރީ އާއި ބަސް މެދުވެރިކޮށް މައްޔިތާގެ އާއިލާއާއިި އެހެން ފަރާތްތަކަށް ހުޅުމާލެއަށް ދިއުމުގެ ފުރުސަތު ކޮންމެ ގަޑިއެއްގައިވެސް ހަމަޖައްސައިދޭނެ ކަމަށްވެސް އިބްރާހިމް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު ވިދާޅުވީ އެސަހަރާގައި ވަޅުލާ މައްޔިތުންގެ ކަށުނަމާދު ކުރުމަށް ނިންމާފައިވަނީ ހުޅުމާލޭ ވަގުތީ މިސްކިތުގައި ކަމަށެވެ. އާ ސަހަރާގައި މީހުން ވަޅުނުލިނަމަވެސް އެމިސްކިތުގައި ނަމާދު ކުރާނެ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރު އަހުމަދު މިރުޝާން ވިދާޅުވީ އަލަށް ހެދި ސަހަރާއަކީ ދެ ލޭޔަރަކަށް 8800 މީހުން ވަޅުލެވޭނެ ސަހަރާއެއް ކަމަށެވެ. އެޗްޑީސީއިން ލަފާކުރާގޮތުގައި ކުރިއަށްއޮތް ހަ އަހަރަށް އެ ސަހަރާގައި މީހުން ވަޅުލެވޭނެއެވެ.