މާލެއާ ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުން، ނުރުހުން ފާޅުކުރަމުންދިޔަ ރާޅާއެޅުންތެރިން ތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ، މިއަދު ސަން އަށް ވިދާޅުވީ، ރާޅުގަނޑު ސަރަހައްދުގައި ހިނގި ހާދިސާއަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ބަޔަކު ގެނެސް އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކިތައް މީހުންކަމެއް ހާމައެއްނުކުރެއެވެ.

ސަން އަށް އެނގިފައިވާގޮތުގައި ފުލުހުން ހައްޔަރުކޮށްގެން ގެންދިޔައީ ރާޅާއެޅުންތެރިންތަކެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބުރިޖުއެޅުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ދެކޮޅަށް މަސައްކަތް ކުރުމުންނެވެ. މިއަދު ހަވީރު ރާޅާއެޅުންތެރިންތަކެއް ވަނީ އެސަރަހައްދަށް ގެނައި ބާޖަކާއި ދިމާލަށް ފަތާފައި ގޮސް ޝުއޫރުފާޅުކޮށްފައެވެ.

ރާޅާ އަޅާމީހުން މުޒާހަރާކުރުން

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް، ބޭނުންވާ ސާމާނު މާލެ ގެނެސް، މިހާރު އެ މަސައްކަތަށް މާލޭ އިރުމަތީ ފަރާތު ރާޅުގަނޑު ސަރަހައްދު ބަންދުކޮށްގެން ތައްޔާރުކުރަމުން ދާއިރު، ބްރިޖް މަޝްރޫއާ ގުޅިގެން މަޝްހޫރު ވަރުނުލާ ރާޅުގަނޑު ނެތި ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރާޅާއަޅާ ފަރާތްތަކުން ދަނީ ޝުއޫރުފާޅުކުރަމުންނެވެ.

އެގޮތުން މޯލްޑިވްސް ސާފިން އެސޯސިއޭޝަނާއި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާޅުގަނޑު ސަރަހައްދުގައި ދަނީ، "ސޭވް ދަ ވޭވްސް"ގެ ނަމުގައި އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި ޝުއޫރުފާޅުކޮށް އަޑުއުފުލަމުންނެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ރައީސް އަހްމަދު އަޒްމީލް (އަޖޭ) ވިދާޅުވީ، ރާޅުގަނޑު ސަރަހައްދުގައި ރާޅާއަޅާ ފަރާތްތަކުން ޝޫއޫރު ފާޅުކުރަމުން ދަނީ، ބްރިޖްގެ މަޝްރޫއު ފެށުމުން، އެ ސަރަހައްދުގައި ރާޅާއަޅާ ފަރާތްތަކަށް ކުރިމަތިވާނެ ދަތިތަކާއި، އަދި އެ މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ނަގާ ރާޅުތައް ގެއްލިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން އޮތުމުން ކަމަށެވެ.

ބްރިޖު އެޅުމުގެ މަސައްކަތައް ބޭނުންކުާ ޓަގާ ދިމާލަށް ރާޅާ އަޅާމީހުން ފަތާފައިދަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ ކަމާގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބްރިޖް މަޝްރޫޢާ ގުޅިގެން ރާޅާއަޅާކުދިންނަށް ދިމާވެދާނެ ދަތިތައް ހައްލުކޮށްދިނުމަށް، އެފަރާތަކާއެކު ހައުސިން މިނިސްޓްރީން މަޝްވަރާތަކެއްކޮށް އެކަންކަން ވަރަށް ގާތުން ބަލަމުންއަންނަ ކަމަށެވެ.

"އަޅުގަނޑުމެން އެކުދިންނާ ވަރަށް ގާތުން ވަރަށް ރަނގަޅަށް ވާހަކަދައްކަމުން މި އަންނަނީ. އަޅުގަނޑުމެން ދަންނަވާފައި ވާނީ، ބްރިޖް މަޝްރޫއުގެ ވަކި ހިސާބަކުން އެތަން ބޭނުން ނުކުރެވޭނޭ. އެހެންވެ، މަޝްރޫއު ނިމެންދެން، މާލެއާ ދުރުނޫން އެހެން ސަރަހައްދަކުން އެކުދިންނަށް ރާޅާއެޅޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައި ދޭނަމޭ،" މިނިސްޓަރު ވިދާޅުވިއެވެ.