29 Feb 2016, 20:23
ދިވެހިރާއްޖޭގެ ބޭންކިން ނިޒާމާ ދޭތެރޭ ބޭރު ދުނިޔޭގެ ތަސައްވަރު ނުބައިވެއްޖެ ނަމަ، ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ތަސްމީނު އަލީ ވިދާޅުވެއްޖެ އެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ތަސްމީނު ވިދާޅުވީ، ބޭރު ދުނިޔޭގައި ރާއްޖެއާމެދު ދެކޭ ގޮތް ބަދަލުވެއްޖެ ނަމަ ރާއްޖެއަށް އިންވެސްޓުމަންޓްތައް އައުން ހުއްޓިގެން ހިނގައިދާނެ ކަމަށެވެ.
"ރާއްޖެއަށް އިންވެސްޓުމެންޓު އައުން ހުއްޓިގެންދާނެ އެހެން ނޫނީ މަޑު ޖެހިގެން ދާނެ ކަންތައްތައް. ރާއްޖެއަށް އިގުތިސާދަށް ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަންތައްތައް. އެންމެ ފަހުން އޭގެ ގެއްލުން ދިވެހި ރައްޔިތުން ތަހައްމަލު ކުރަން ޖެހޭނެ ކަންތައްތައް،" ތަސްމީނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، 1.2 ބިލިއަން ރުފިޔާގެ ބޮޑެތި ހިޔާނާތް ސަރުކާރުގެ އިސްވެރިން ހިމެނޭ ގޮތަށް ދައުލަތުގެ ފައިސާއަށް ވެފައިވާކަން އެންމެ ފަހުން ނެރުނު އެމްއެމްޕީއާރްސީގެ އޮޑިޓު ރިޕޯޓުންވެސް ހާމަވާ ކަމަށެވެ.
"މި ފައިސާ އެންމެ ބޮޑު އަދަދަކަށް ވަދެފަ މި އޮންނަނީ އެސްއޯއެފް ކިޔާ ކުންފުންޏަކަށޭ. އެ ކުންފުނީގެ ފަރާތުން މިހާރު ވަނީ ހާމަ ކޮށްފަ. އެ ކުންފުންޏަށް ވަން ފައިސާ ވަނީ އެ ފައިސާ ފޮނުވި ފަރާތްތަކުން އެދިވަޑައިގެން ގޮތުގެ މަތިން ސަރުކާރުގެ ގުޅުން ހުރި އެކިއެކި އެކައުންޓުތަކަށް ޖަމާކޮށްފައޭ އެ ފައިސާ ހަރަދުކޮށްފަ ވަނީ އެގޮތުގެ މަތިންނޭ،" ތަސްމީނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކަން އެހެން އޮތް ނަމަވެސް ސަރުކާރުން އެކަމަށް ޖަވާބުދާރީވާ މަންޒަރެއް ފެނިގެން ނުދާ ކަމަށެވެ. އަދި މިހާރު ތުހުމަތު ކުރެވިފަ ތިބި ފަރާތްތަކާ ހިސާބުން އެފަދަ ބޮޑު ޖަރީމާއެއްގެ ތަހުގީގު ހުއްޓިގެން ނުވާނެ ކަމަށްވެސް ތަސްމީނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، 2015 ވަނަ އަހަރު ދައުލަތުގެ ރިޒާވް 400 މިލިއަން ޑޮލަރަށް އިތުރުވެގެން ދިއުމަކީ ވެސް އެހެން ހުރިހާ ހިސާބުތަކާ އަޅައިބަލާއިރު ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަން އެހެން ވާން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ.
އެހެންކަމުން، އެކަންކަމާ ގުޅުން ހުރި ތަހުގީގުތައް ކުރެވި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ތަސްމީނު ވިދާޅުވި އެވެ. އަދި ދިވެހި ރައްޔިތުންނާއި ބައިނަލްއަގުވާމީ ފަރާތްތަކަށް އިތުބާރު އޮންނަ ގޮތެއްގެ މަތިން ފުރިހަމަ ތަހުގީގެއް ކުރުމަށް ގޮވާލާ ކަމަށް ވެސް ތަސްމީނު ވިދާޅުވިއެވެ.