25 Apr 2011, 12:03
ހއ. ދިއްދޫގައި ތޭރަ އަހަރުގެ އަންހެންކުއްޖަކާ އެކު އެކި ފަހަރުމަތިން ބަދުއަހްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުން ދޫކޮށްލައިފި އެވެ.
ކުޑަ އަންހެން ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ދިއްދޫން ހައްޔަރުކޮށްފައި ވަނީ ދެ މީހެކެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މައްސަލަ އާ ގުޅިގެން ހައްޔަރު ކުރި އެންމެން ކޯޓުން ދޫކޮށްލާފައި ވަނީ އިއްޔެ ކަމަށެވެ. އަދި އެ މީހުން ދޫކޮށްލީ ބަންދުގައި ބައިތިއްބައިގެން ފުރިހަމަ ކުރަން ޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ނިމިފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން އެ މީހުން ހައްޔަރުކޮށްފައި ވަނީ ހަތަރު މީހުން އެއްފަހަރާ އެ އަންހެންކުއްޖާއާ ބަދުއަހްލާގީ އަމަލު ހިންގަމުން ގެންދަނިކޮށް ރެޑްހޭންޑްކޮށް ފެނިގެން ކަމަށް ދިއްދޫން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފަ އެވެ.
ކުޑަ ކުއްޖަކާ ބަދުއަޚްލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެންމެން ދޫކޮށްލާފައި މިވަނީ އެ މައްސަލަ އާ ގުޅިގެން 18 އަހަރުން ދަށުގެ ދެ ކުއްޖަކު ހައްޔަރު ކޮށްފައި ވާތީ އެމީހުން ދޫކޮށްލުމަށް މީގެ ހަފްތާ އެއްހާ ދުވަސް ކުރިން އެ ރަށުގެ ބައެއް މީހުން ގޮވާލައި ފުލުސް އޮފީސް ދޮށަށް އެއްވެފައި ވަނިކޮށެވެ.
މިދިޔަ މާޗް މާހު 26 ވަނަ ދުވަހު ވެސް ހއ. ދިއްދޫގައި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ 86 އަހަރުގެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.