ރާއްޖޭގެ އެތެރޭގައި ކުރާ ދަތުރުތަކުގެ ބޮޑު ބަޔަކީ އަތޮޅުތަކުގެ ރައްޔިތުން މާލެ އަށް ކުރާ ދަތުރުތައް ކަމާއި އެ ދަތުރުތަކަށް 385 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އަހަރަކު ހަރަދުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

"ސްޓަޑީ އޮން ޑޮމެސްޓިކް ޓޫރިޒަމް އިން ދަ މޯލްޑިވްސް"ގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީން ކުރި ދިރާސާއިން ދައްކާ ގޮތުގައި ރާއްޖޭގެ އެތެރޭގައި މިދިޔަ 2015 ވަނަ އަހަރު ކުރި ދަތުރުތަކަށް ރައްޔިތުން ޖުމްލަ 691.9 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން 583.8 މިލިޔަން ރުފިޔާ ހަރަދުކޮށްފައި ވަނީ އަތޮޅުތަކުގެ ރައްޔިތުން ކަމަށްވާ އިރު އަތޮޅުތަކުން މާލެއަށް ކުރި ދަތުރުތަކުގެ ބޮޑު ބަޔަކީ ސިއްހީ ފަރުވާ ހޯދުމަށް ކުރި ދަތުރުތަކެވެ. އެގޮތުން އަތޮޅުތަކުގެ މީހުން ކޮށްފައިވާ ދަތުރުތަކުގެ 66 ޕަސެންޓަކީ ބޭސްފަރުވާ އަށް ކޮށްފައިވާ ދަތުރުތައް ކަމަށް ދިރާސާ އިން ވަނީ އެނގިފަ އެވެ. އަދި މާލޭގައި ދިރިއުޅޭ ރައްޔިތުން ކުރި ދަތުރުތަކުގެ 63 ޕަސެންޓަކީ ހިތްހަމަ ޖައްސައިލުމަށް ކޮށްފައިވާ ދަތުރުތަކެވެ.

ދަތުރުތަކަށް ހަރަދުވި ފައިސާގެ ބޮޑު ބަޔަކީ އުޅަނދުފަހަރުގެ ޓިކެޓަށް ހަރަދުވި ފައިސާކަން ވެސް ދިރާސާ އިން ވަނީ އެނގިފަ އެވެ.

ޔްނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ހަރަދުކޮށްގެން ޓޫރިޒަމް މިނިސްޓްރީން ހިންގާ ޕްރޮގްރާމެއް ކަމަށްވާ ޓޫރިޒަމް އެޑަޕްޓޭޝަން( ޓެޕް) ޕްރޮޖެކްޓްގެ ދަށުން ކުރި އެދިރާސާގައި މައުލޫމާތު ހޯދާފައި ވަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ހަތް އަތޮޅެއްގެ 20 ރަށަކުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެފްޖޭއެސް ކޮންސަލްޓެންސީއާ ހަވާލުކޮށްގެން ކުރި އެ ދިރާސާ އަކީ ރާއްޖޭގައި ކުރި އެފަދަ ފުރަތަމަ ދިރާސާ ކަމަށެވެ. ދިރާސާގެ މަގުސަދަކީ ރާއްޖޭގައި ދަތުރުފަތުރު ކުރުމުގެ ކަންތައްތައް ހުރިނެތްގޮތް ބެލުން ކަމަށެވެ.

ދިރާސާގެ ބައެއް ހޯދުންތައް ޖޭވީއެސްގެ ކޮންސަލްޓެންޓް ކިޔައިދެއްވަނީ

ދިރާސާ އިން ހޯދުނު ބައެއް ހޯދުންތައް މިއަދު އާއްމު ކުރީ އެ ހޯދުންތައް ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރުމަށް، މީޑިއާއަށް ހުޅުވާލައިގެން، ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

"މައިގަނޑު މަގުސަދަކީ ކަންތައްތައް ހުރިނެތްގޮތް ބެލުން. ދެން ދެވަނަ ކަމަކީ ދަތުރުފަތުރު ކުރުމުގައި އަޅުގަނޑުމެންގެ ތެރޭގައި، ދަތުރުފަތުރުގެ ހަރަދުތައް، އެކްސްޕެންޑިޗާއާއި އަދި އަޅުގަނޑުމެން ހަރަދުކުރަނީ ކޮން ކަމަކަށްތޯ ބެލުމަށް ހެދި ބޭސްލައިން ސްޓަޑީއެއް،" ޓޫރިޒަމް މިނިސްޓްރީގެ މޫސާ ޒަމީރު ހަސަން ވިދާޅުވި އެވެ.