މިހާރު ހުރި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ އިތުރުން އިތުރު ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލެއް ބަހައްޓާ ގޮތަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ބަލައިގެންފި އެވެ.

އެ އިސްލާހު ބަލައިގަތީ 44 މެމްބަރުންގެ ވޯޓުން ނެވެ. ހަތް މެމްބަރަކު އެ އިސްލާހު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވާފައިވެ އެވެ.

ސައުދު ވިދާޅުވީ އިތުރު ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލެއް އައްޔަން ކުރުމުގެ ބާރު ވެސް ގާނޫނުން ލިބިދީފައި ވާނީ ޕްރޮސިކިއުޓާ ޖެނެރަލަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ޕީޖީގެ ގާނޫނު އެގޮތަށް ބަދަލު ކުރުމުން ދައުވާ އުފުލުމަށް އެއްވެސް ދަތި ކަމެއް ނާންނާނެ ކަމަށެވެ.

"މިސާލަކަށް ޕްރޮސިކިއުޓާ ޖެނެރަލަކު ނެތް ހާލަތެއްގައި އެ ދެ ބޭފުޅުން [ޑެޕިއުޓީ ޕީޖީ ކަމަށް ހުންނަވާ ދެ ބޭފުޅުން] ނަށް އެއްވެސް ހުރަހެއް ނޯންނާނެ ދައުވާ އުފުލުމަކަށް. އެގޮތަށް ގާނޫނު މި ބަދަލުކުރަނީ،" އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ، ގާނޫނު އެގޮތަށް ބަދަލު ކުރުމުގެ ސަބަބުން ޕީޖީ އޮފީހުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ޑެޕިއުޓީ ޕީޖީއަކީ ޕީޖީ ނެތް ހާލަތްތަކުގައި ޕީޖީގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ބޭފުޅެކެވެ.