29 Feb 2016, 14:05
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި މިދިޔަ އަހަރުގެ މާޗް މަހު މުޒާހަރާ ކުރި މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ހުކުމް އިއްވުން ދައުވާލިބޭ މީހުންގެ ތެރެއިން އެކަކު ރާއްޖެއިން ބޭރުގައި ހުރުމުން ފަސްކޮށްފި އެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން ތަވާލްކޮށްފައި ވަނީ މިއަދު 13:00 އަށެވެ. ނަމަވެެސް އެ އަޑުއެހުން ކެންސަލްކުރީ އެމައްސަލާގައި ދައުވާ ލިބޭ މީހުންގެ ތެރެއިން އެކަކު ރާއްޖެއިން ބޭރުގައި ހުރުމުން މިއަދު ކޯޓަށް ހާޒިރު ނުވެވޭތީކަން އެނގިފައިވެ އެވެ.
ޖުމްލަ 15 މީހެއްގެ މައްޗަށް އެއާޕޯޓުގައި މުޒާހަރާކޮށްގެން އުފުލި ދައުވާގައި ބުނެފައިވަނީ މިދިޔަ މާޗު މަހުގެ ފަސް ވަނަ ދުވަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ ހޯލް ކުރިމައްޗަށް ރައީސް ނަޝީދުގެ ޕޯސްޓަރުތައް ހިފައިގެން އެއްވެ ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާފައިވާތީ ކަމަށެވެ.
އެމީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ހަތް ވަނަ ނަންބަރާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ދައުވާލިބޭ މީހުން
- މ. ނިރޮޅު އާމިނަތު ޝާނީޒު ސައީދު
- މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު، ޝިފާ މުހައްމަދު
- ޏ. ފުވައްމުލައް، މިސްކިތްމަގު، ދޯނާޑު، ޒަހުރާ މޫސާ
- މ. ނިވްހިލްމަން، ޝަމީމާ އާދަމްފުޅު
- ހ. ވެޔޮވިލާ، ޝަފިއްއާ ޒުބައިރު
- މއ. ނާރިނގުގޭ، މުހައްމަދު އިބްރާހީމް މަނިކު
- ސ. ހުޅުދޫ ކަޅުމަގިގޭ، މަރިޔަމް ޒުބައިރު
- ސ. ހިތަދޫ ޝެޑިއުލަސް، ޚަދީޖާ ޝާދިޔާ
- މާލޭ ދަފްތަރު 5866 ފާތިމަތު ރަޝީދު
- ހ. ޓިވެގާލައިޓް، ފަރީޝާ އަހްމަދު
- މ. ތަންތާރަ، އާމިނަތު ޒިމްނާ
- ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ
- ގ. ދުވާފަރު، އާއިޝަތު މަމްދޫހާ
- މއ. ބީޗްހައުސް، އާމިނަތު ދުމައިނާ އިރުޝާދު
- މ. ފެހިފަތް، ޔުމްނާ
މީގެކުރިންވެސް ދެފަހަރެއްގެ މަތިން އެމައްސަލައިގެ ހުކުމް ކުރުމަށް އަޑުއެހުން ތާވަލު ކުރުމަށް ފަހު ވަނީ ކެންސަލަކޮށްފަ އެވެ. މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާއިރު ދެން ހުކުމް ކުރުން އޮއްނާނެ ދުވަހެއް އަދި ކޯޓުން ހާމައެއް ނުކުރެ އެވެ.