މުއާސަލާތީ ކުންފުނި، އުރީދޫ އިން މޮބައިލް މަނީގެ ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.

މޮބައިލް މަނީގެ ހިދުމަތަކީ ވޮލެޓްގައި ހުންނަ ރުފިޔާ ވޮލެޓްގައި ގެންގުޅުމުގެ ބަދަލުގައި، ފޯނުގައި ހިދުމަތް ރަޖިސްޓާ ކޮށްގެން، އެކައުންޓަކަށް ރުފިޔާ ޖަމާކޮށް، މޮބައިލް ފޯނު މެދުވެރިކޮށް އެކި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެކެވެ.

އެގޮތުން މޮބައިލް މަނީ ބޭނުންކުރުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ އެ ހިދުމަތަށް ރަޖިސްޓާ ކުރުމެވެ. *789# އަށް ގުޅާލުމުން އެ ހިދުމަތަށް ރަޖިސްޓާ ކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އެވެ.

ހިދުމަތުގެ ޕްރޮސެސް ކުރިއަށްދާ ގޮތަށް ބަލާއިރު، ކަސްޓަމަރުން ޖެހެނީ މޮބައިލް މަނީ އެޖެންޓެއް މެދުވެރިކޮށް އޭނާގެ އެކައުންޓަށް (މޮބައިލް ނަންބަރަށް) އެ ބޭނުންވާ އަދަދެއްގެ ފައިސާ ޖަމާކުރާށެވެ. މިސާލަކަށް 2000 ރުފިޔާ ޖަމާކުރުމުން ވޮލެޓްގައި އެ ފައިސާ ގެންގުޅުމުގެ ބަދަލުގައި ގެންގުޅެވެނީ ފޯނުގަ އެވެ.

އެއަށްފަހު މާލޭގައި ހުންނަ އުރީދޫގެ ކަސްޓަމަރު، އައްޑޫގައި ހުންނަ މީހަކަށް ފައިސާއެއް ފޮނުވަން، ނުވަތަ ފިހާރައެއްގެ ޕޭމަންޓެއް ނިންމަން ބޭނުންނަމަ، އޭނާގެ ފޯނުން ފައިސާ ފޮނުވަން ބޭނުންވާ މީހެއްގެ އެކައުންޓަށް (އެޖެންޓަށް) ފައިސާ ޓްރާންސްފާ ކުރާނީ އެވެ. ޓްރާންސްފާ ކުރާއިރު، ފައިސާ ލިބިގަންނަ ކަސްޓަމަރުގެ ފަރާތުން ކޯޑެއް ލިބޭނެ އެވެ. އެއީ އެޖެންޓެވެ. އެ ކޯޑު ޖެހުމުން އެޖެންޓަށް ފައިސާ ޓްރާންސްފާ ކުރެވޭނެ އެވެ. އަދި އެޖެންޓް އަތުން ފައިސާ ނެގެމުން ފައިސާގެ މުއާމަލާތް ކުރެވުނު ކަމުގެ މެސެޖެއް ފޯނަށް ލިބޭނެ އެވެ.

އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ

އުރީދޫ އިން ބުނީ ކަސްޓަމަރުންނަށް އެ ހިދުމަތް ހުޅުވާލުމަށް އަދި ދެ ހަފްތާ ނަގާނެ ކަމަށެވެ. ނަމަވެސް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނިން ވަނީ މޮބައިލް މަނީގެ ހިދުމަތް ވަރަށް ފުރިހަމައަށް ތެސްޓްކޮށްފަ އެވެ. އުރީދޫ އިން މައުލޫމާތުދޭ ގޮތުގައި ހަފްތާއެއްހާ ދުވަސްތެރޭ އެ ހިދުމަތަށް ހާއްސަ ސްމާޓްފޯނު އެޕެއް ވެސް ތައާރަފްކުރާނެ އެވެ.

ހިދުމަތް ފެށުމުގެ ގޮތުން މޮބައިލް މަނީގެ ފުރަތަމަ ޓްރާންސެކްޝަން ހިންގީ ހދ. އަތޮޅު ކައުންސިލްގެ މެންބަރު ހުސެއިން ސަގީފެވެ. އުރީދޫން މޮބައިލް މަނީ ނުވަތަ "މޮބައިލް ވޮލެޓް" ގެ ހިދުމަތް ތައާރަފު ކުރީ 1.5 މިލިއަން ޑޮލަރު ބަޖެޓަކުންނެވެ. އުރީދޫ މޯބައިލް މަނީ" ގެ ހިދުމަތް އުރީދޫން ދެނީ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާ ގުޅިގެންނެވެ. އެ ކުންފުނިން ވަނީ މި ހިދުމަތް ފެށުމުގެ ގޮތުން ޓްރަސްޓް އެކައުންޓް ބެލެހެއްޓުމަށް އެ ބޭންކާއެކު ސޮއިކޮށްފަ އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، ކުރިއަށް އޮތްތާގައި އެ ހިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށާއި، އެފަދަ ޒަމާނާ ގުޅޭ ހިދުމަތްތައް އެ ކުންފުނިން އަބަދުވެސް ތައާރަފްކުރާނެ ކަމަށެވެ.