29 Feb 2016, 13:59
އަމިއްލަ ކުންފުންޏަކާ ގުޅުންހުރި އެކިއެކި މަސައްކަތްތަކަށް ގެނެސްފައިވާ ބިދޭސީންގެ ވާކްޕާމިޓް ފީއަށާއި ޖޫރިމަނާގެ ގޮތުގައި ކުރީގެ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސަށ ދައްކަންޖެހޭ 8 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ދައްކާފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.
އޭސީސީ އިން އެހެން ބުނެފައި ވަނީ އަމިއްލަ ކުންފުންޏަކުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯރޓްސް އަށް ދައްކަންޖެހޭ ހަތް މިލިޔަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ ގިނަ ދުވަސްވެފައިވާކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.
އޭސީސީ އިން ބުނީ މައްސަލަ ތަހުގީގު ކުރުމުން ބިދޭސީންގެ ވާކްޕާމިޓް ފީއަށާއި ޖޫރިމަނާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 12 އޮކްޓޯބަރ 2010 ވަނަ ދުވަހާ ހަމައަށް 8,707,250.00 (އަށްމިލިއަން ހަތްސަތޭކަ ހަތްހާސް ދުއިސައްތަ ފަންސާސް) ރުފިޔާ ނުދައްކައި އޮތްކަން އެ މިނިސްޓްރީގެ ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.
އަދި އެ ފައިސާ ހޯދަން އެކިފަހަރުމަތިން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސުން އެކުންފުންޏަށް ސިޓީ ފޮނުވާފައިވީ ނަމަވެސް، މިހާތަނަށް އެ ފައިސާ ދައްކާފައިނުވާކަމަށް ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އޭސީސީ އިން ވަނީ ބުނެފަ އެވެ.
އެހެންކަމުން އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއަކަށް ވުމާއެކު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މެދުވެރިކޮށް އެ ފައިސާ ޖޫރިމަނާ އާއެކު ހޯދުމަށް މި މަހުގެ އަށް ވަނަ ދުވަހު ވަނީ އަންގާފަ އެވެ.