29 Feb 2016, 14:19
ޓޯކިޔޯ (ފެބްރުއަރީ 29): ޖަޕާނުގެ ފުކުޝީމާ ނިއުކްލިއާ ކާރިސާއާ ގުޅިގެން ޓޯކިޔޯ އިލެކްޓްރިޓް ޕާވާ (ޓެޕްކޯ)ގެ ތިން މުވައްޒަފެއްގެ މައްޗަށް އިހުމާލުވުމުގެ ދައުވާ އުފުލައިފި އެވެ.
އެއީ މާޗް 2011ގައި ފުކުޝީމާ އަށް އައި ބިންހެލުމަކާ އެކު ސުނާމީ އެރުމާ ގުޅިގެން ފުކުޝީމާ ޑައިޗީ ނިއުކްލިއާ ޕަވާ ޕްލާންޓަށް ގެއްލުންވެ ރޭޑިއޭޝަން ލީކު ވުމާ ގުޅިގެން ކުށްވެރިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއްގެ މައްޗަށް ދައުވާ އުފުލި ފުރަތަމަ ފަހަރެވެ. އެކާރިސާގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅެމުން ދިޔަ އެތައް ހާސް މީހުން އެސަރަހައްދު ދޫކޮށް ދާން ޖެހުނެވެ.
ޖަޕާނުގެ ގައުމީ ބްރޯޑްކާސްޓަރު، އެންއެޗްކޭ އިން ރިޕޯޓުކުރި ގޮތުގައި ވަޒީފާއަށް އިހުމާލުވީ ކަމުގެ ދައުވާކޮށްފައި ވަނީ ޓެޕްކޯގެ ކުރީގެ ޗެއާމަން، ސުނެހިސާ ކަޓްސުމާޓާއާއި ހާދިސާ ހިނގި އިރު ޓެޕްކޯގެ ނައިބު ރައީސްގެ ގޮތުގައި ހުރި، ސަކައެ މޫޓޯއާއި އަދި ކުރީގެ އެހެން ނައިބު ރައީސެއް ކަމަށްވާ އިޗިރޯ ޓަކެކުރޯގެ މައްޗަށެވެ.
ޖަޕާނުގެ ސަރުކާރުން އެމައްސަލަ ތަހުގީގު ކުރުމަށް ފަހު އާންމު ކުރި ރިޕޯޓުގައިވާ ގޮތުން އެކާރިސާ ހިނގީ ޓެޕްކޯގެ ރިސްކް މެނޭޖްމެންޓް ކުޑަވުމުގެ ސަބަބުންނާއި ސުނާމީގެ ނުރައްކާއެއް އޮވެދާނެ ކަމަށް އެކުންފުނިން ލަފާނުކުރުމުންނެވެ. ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އެފަދަ މައްސަލައެއް ސާބިތު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.
ޓެޕްކޯއިން ވަނީ އެކުންފުނީގެ ސަލާމަތީ ފިޔަވަޅުތައް އޭރު ހުރި ވަރަށް ވުރެ ވަރުގަދަ ކުރުމުގެ ގާބިލުކަން އެކުންފުނީގައި އޮތް ކަމަށް އިއުތިރާފްވެފަ އެވެ. ނަމަވެސް، ޑައިޗީ ޕަވާ ޕްލާންޓަށް އެރި ވަރުގެ ސުނާމީއެއް އަރާފާނެ ކަމަށް ލަފާކުރެވިފައި ނުވާ ކަމަށެވެ.
ޓެޕްކޯ އިން މިހާރު ދަނީ ޖަޕާނުގެ އުތުރުގައި އާ ރިއެކްޓާތަކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. (އަލްޖަޒީރާ)