29 Feb 2016, 14:47
ދިވެހި ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ލަވަ "ހީލީމާ" އަކީ ރާއްޖޭގެ ރީތި މަންޒަރުތަކެއް ދައްކުވައިދޭ ހިތް ގައިމު ލަވައެކެވެ. މީގެ ނުވަ ދުވަސް ކުރިން ރިލީޒު ކުރި އެ ލަވައަށް ގިނަ ބައެއްގެ ސަމަލުކަން ވަނީ ހުއްޓިފަ އެވެ.
އެ ފަދަ އެއްބަޔަކީ ރަޝިޔާގެ ޓީވީ ޗެނަލެއް ކަމަށްވާ އެޑައިޖިއޯ ޓީވީ އެވެ. އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އެޑައިޖިއޯ ޓީވީ އިން ވަނީ "ހީލީމާ" އޮންއެއާ ކޮށްފަ އެވެ. ހަމައެއާއެކު އެ ލަވަ އެޑައިޖިއޯ ޗެނަލުގެ ޓުވިޓާ އެކަނުންޓު މެދުވެރިކޮށް ވެސް ވަނީ ޝެއާ ކޮށްފަ އެވެ.
ސަން އާ ވާހަކަ ދައްކަމުން "ހީލީމާ" ލަވަ ޑައިރެކްޓު ކުރި އަޒްހާން އިބްރާހިމް ބުނީ، އެޑައިޖިއޯ ޓީވީ އިން އެ ލަވަ ރައިޓްސް އަށް އެދުނީ ލަވައިގެ މަންޒަރުތައް ރީތިކަމުން ކަމަށެވެ. އެގޮތުން ހުޅުމާލެ އާއި، ފިނޮޅު އަދި ކަނޑު މަތީގައި ނަގާފައިވާ މަންޒަރުތައް އެ ޗެނަލަށް ވަރަށް ކަމުދިޔަ ކަމަށް އަޒްހާން ބުންޏެވެ.
"ލޮކޭޝަން ރީތިކަމުން، ކަނޑުމަތީ، ފިނޮޅު އަދި ހުޅުމާލޭގައި ނަގާފައިވާ މަންޒަރުތައް އެމީހުންނަށް ވަރަށް ކަމުދިޔަ. ވަރަށް އުފާވޭ. އަބަދުވެސް ދެކޭ ހުވަފެނެއް އެއީ. އިންޓަނޭޝަނަލީ ރަން ކުރެވުން." އަޒްހާން ބުންޏެވެ.
އޭނާ ބުނީ، "ހީލީމާ" ލަވަ އަށް ފަހު ވަރަށް ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި ވަރަށް ބޮޑު ޕްރޮޖެކްޓެއް ކުރިއަށް ރޭވިފައި އޮތް ކަމަށް ވެސް އަޒްހާން ބުންޏެވެ.
ސްކުޔާ އިލެވެން ސްޓޫޑިއޯ އިން އުފެއްދި "ހީލީމާ" ލަވަ އަކީ ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ހަރަދުކޮށްގެން އުފައްދާފައިވާ ލަވައެކެވެ. އެ ލަވައިގައި ފެނިގެން ދަނީ ރާއްޖޭގެ މަޝްހޫރު ދެ ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އިސްމާއިލް ޖުމާހް (ޖުމާ) އެވެ.
އަމިއްލަ ރާގުގެ އެ ލަވަ ކިޔާފައި ވަނީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަ) އާއި މަރިއަމް އަޝްފާ އެވެ. އެ ލަވައިގެ ސިނެމޮޓޯގްރަފީ ހަދާފައި ވަނީ ސްޓްރީކް ސްޓޫޑިއޯ އިންނެވެ.