ދެހާސް އެގާރަ ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި ސާކް ސަމިޓަށް ތައްޔާރު ކުރި އައްޑޫ ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި ހުރި އެއްވެސް އެއްޗެއް ޕީޕީއެމްގެ އެއްވެސް ހަރަކާތެއްގައި ބޭނުންކޮށްފައި ނުވާނެ ކަމަށް އެޕާޓީން މިއަދު ބުނެފި އެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕީޕީއެމްގެ އާއްމު ޖަލްސާތަކުގައި ބޭނުން ކުރާ ރަތްކުލައާ ގަދަ ފިޔާތޮށި ކުލައިގެ ގޮނޑިތަކަކީ އީސީސީގައި ހުރި ގޮނޑިތަކެއް ކަމަށް ބުނެ ބައެއް މީޑިއާތަކާއި އަދި ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެކަމުގައި އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ.

ޕީޕީއެމް އިން ބުނީ އެޕާޓީގެ އޮފީހުގައި ބޭނުން ކުރާ ގޮނޑިތަކަކީ 2012ވަނަ އަހަރުން ފެށިގެން އެޕާޓީގެ އޮފީހުގައި ބޭނުން ކުރަމުން އަންނަ ގޮނޑިތަކެއް ކަމަށެވެ.

"އަދި ޖަލްސާތަކުގައި ބޭނުން ކުރާ ގޮނޑިތަކަކީ އެ ޖަލްސާތަކުގައި ބޭނުން ކުރުމަށް ކުއްޔަށް ތަކެތި ދޫކުރާ އަމިއްލަ ކުލީ ބަޔަކުން ކުއްޔަށް ހިފާ ތަކެއްޗެވެ." ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމްއިން ބުނީ އެއްވެސް ހަގީގަތަކަށް ބެލުމެއް ނެތި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮަތަށް ވާހަކަދެއްކުމުގެ ބަދަލުގައި ހަގީގީ މައުލޫމާތު ހޯދައި ޒިންމާދާރު ކަމާއިއެކު މައުލޫމާތު ފޯރުކޮށްދިނުމަށް އެޕާޓީން ގޮވާލާ ކަމަށެވެ.

ޕީޕީއެމް އިން މިހެން ބުނެފައިވާއިރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ވަނީ އެ މައްސަލައާ ގުޅިގެން ހައުސިން މިނިސްޓަރު މުއިއްޒާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ސުވާލު ކުރައްވާފަ އެވެ.

ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، އެ ތަކެތި ބެހެއްޓިފައި ވަނީ ދަރުބާރުގޭގައި ކަމަށެވެ. އަދި ވިދާޅުވީ އެ ގޮނޑިތައް ބޭނުން ކުރަމުން އަންނަނީ ސަރުކާރުގެ އެކި ޖަލްސާތަކަށް ކަމަށެވެ.

"އެއްވެސް ހާލެއްގައި ސަރުކާރުގެ އިވެންޓަކަށް ނޫނިއްޔާ ހަފްލާއަކަށް ނޫން ގޮތަކަށް މި ގޮނޑިތައް [އީސީސީގައި ހުރި ގޮނޑިތައް] ބޭނުން ކުރެވިފައެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ސަރުކާރުގެ މުދަލެއް ސިޔާސީ ޕާޓީތަކުން އިންތިޒާމުކޮށްގެން ބާއްވާ އެއްވެސް ހަރަކާތްތަކަށް ބޭނުން ކުރުމުގެ ފުރުސަތެއް ހައުސިން މިނިސްޓްރީން ނުދޭނެ ކަމަށެވެ.

"ސަރުކާރުން ކަންކަން ރައްޔިތުންނަށް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ޒިންމާދާރުކަންމަތީ ކުރަމުންދާއިރު، މިފަދަ ވާހަކައެއް މިގޮތަށް ވިދާޅުވަމުން އެއީ ޒިންމާދާރު ގޮތަކަށް ނުވާނެ ކަމަށް ގަބޫލު ކުރަން،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ އީސީސީގައި ހުރި 850 ގޮނޑި ސަރުކާރާއި ރައްޔިތުންނަށް ގުޅޭ ހަފްލާތަކުގައި ނޫން ގޮތަކަށް ބޭނުން ކުރަން ހައުސިން މިނިސްޓްރީން ދޫ ނުކުރާނެ ކަމަށެވެ.