ހުސްވި 2015 ވަނަ އަހަރު ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހަޅާފައި ވަނީ ދެ އިންސައްތަ މައްސަލަ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

ޑީޖޭއޭ އިން ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ޝަރުއީ ކޯޓުތަކުން 19،349 މައްސަލައެއް ނިންމި އިރު، އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ 415 މައްސަލައެކެވެ.

އެއީ، މުޅި ރާއްޖޭގައި ޝަރުއީ ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކުގެ %2.1 އެވެ.

ޑީޖޭއޭ އިން ބުނީ މިދިޔަ އަހަރު އެންމެ ގިނަ މައްސަލަ ނިންމައި، އަދި އިސްތިއުނާފަށް ހުށަހެޅީ ސިވިލް ކޯޓުން ކަމަށެވެ. ސިވިލް ކޯޓުން 2283 މައްސަލަ ނިންމާފައިވާއިރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ 147 މައްސަލައެވެ. އެއީ ސިވިލް ކޯޓުން ނިންމި މައްސަލަތަކުގެ %6.4 މައްސަލަ އެވެ.

ކްރިމިނަލް ކޯޓުން 1069 މައްސަލަ ނިންމާފައިވާއިރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ 115 މައްސަލައެވެ. އެއީ ކްރިމިނަލް ކޯޓުން ނިންމި މައްސަލަތަކުގެ %10.8 އެވެ. ފެމިލީ ކޯޓުން 2553 މައްސަލަ ނިންމާފައިވާއިރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ 115 މައްސަލައެވެ. އެއީ ފެމިލީ ކޯޓުން ނިންމި މައްސަލަތަކުގެ %0.4 އެވެ.

ޖުވެނައިލް ކޯޓުން 26 މައްސަލަ ނިންމާފައިވާއިރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ ތިން މައްސަލައެކެވެ. އެއީ ޖުވެނައިލް ކޯޓުން ނިންމި މައްސަލަތަކުގެ %11.5 އެވެ. ޑްރަގް ކޯޓުން ވެސް 26 މައްސަލަ ނިންމާފައިވާއިރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ އެންމެ މައްސަލައެކެވެ. އެއީ ޑްރަގް ކޯޓުން ނިންމި މައްސަލަތަކުގެ %0.1 އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކުން 12،149 މައްސަލައެއް މިދިޔަ އަހަރު ނިންމި އެވެ. ނަމަވެސް މެޖިސްޓްރޭޓް ކޯޓުތަކުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ 138 މައްސަލައެކެވެ. އެއީ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމި މައްސަލަތަކުގެ %1.1 އެވެ.