25 Apr 2011, 11:05
އއ. ތޮއްޑޫގައި އުމުރުން ފަސް އަހަރުގެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމަށް ފަހު ފިލިކަމަށް ބުނާ ބަންގްލަދޭޝް މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އޭނާ ހޯދަން ފުލުހުންނާއި ތޮއްޑޫ ރައްޔިތުން ހުއްޓާ ނުލައި އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި އެރަށުގައި އުޅޭ ބިދޭސީން ވެސް ބައިވެރިވެ އެވެ.
ދިގުމިނުގައި 1675 މީޓަރު، ފުޅާމިނުގައި 1200 މީޓަރު ހުންނަ އއ. ތޮއްޑޫގައި ހޮނިހިރު ދުވަހު ކުޑަކުއްޖަކަށް ގޯނާ ކުރި ކަމަށް ބުނާ ބަންގްލަދޭޝްގެ އަޒީޒް ފިލާފައި ވަނީ އެ މައްސަލައާ ގުޅިގެން ތޮއްޑޫ ރަށުކައުންސިލްގެ ބެލުމުގެ ދަށުގައި ހުއްޓައި އެރަށުގެ ބަޔަކު އޭނާއަށް ހަމަލަދޭން އުޅުމުން ކަމަށް ރަށު ކައުންސިލުން ކުރިން ވަނީ ބުނެފަ އެވެ.
އަޒީޒުގެ މައްޗަށް ބަދުއަހުލާގީ މި ތުހުމަތު ކުރެވުނީ އެރަށުގެ ދަނޑަކަށް ދިޔަ ފަސް އަހަރުގެ އަންހެން ކުއްޖަކަށް ފަސް ރުފިޔާ ދިނުމަށްފަހު ދަނޑުގައި ހުންނަ ގެއެކަށް ގެންގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެގެނެވެ.
ވާ ބޮޑު ރަށުގައި އަމިއްލަ ގްރޫޕެއް ގޮވައިގެން ރާނާ ސިމެންތި ޖެހުމުގެ މަސައްކަތް އަޒީޒު ކުރަމުން އަންނަތާ ތިން އަހަރުވެއްޖެ އެވެ. ތޮއްޑޫ މީހުން ބުނަނީ އަޒީޒާއި އޭނާ ގެންގުޅޭ ބަންގްލަދޭޝްގެ އެހެން މީހުނަށް ޒިންމާވާ އެއްވެސް މީހަކު އެރަށުގައި ނޫޅޭ ކަމަށެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަޒީޒަކީ އިއްޔެއާ ޖެހެންދެން ތޮއްޑޫ މީހުން އިހުތިރާމް ކުރި ބިދޭސީއެއް ކަމަށާއި ރަށުގެ މިސްކިތުގައި އޭނާ ބަންގިވެސް ގޮވާ ކަމަށެވެ.
ހޮނިހިރު ދުވަހުގެ ރޭ 8.00 ޖަހާ އެހާކަށް ހާއިރު ފިލި މީހާގެ މައުލޫމާތު ތޮއްޑޫ ރަށުކައުންސިލުން ފުލުހުންނަށް ދިން ނަމަވެސް ފުލުހުން ތޮއްޑުއަށް ގޮސް އޭނާ ހޯދުމަށް މަސައްކަތް ފަށާފައި ވަނީ އިއްޔެ ހެނދުނުއެވެ.
"އޭނާ އަކީ ވަރަށް ދީން ވެރި މީހަކަށް ވެގެން ކުރިން އުޅޭ މީހެއް. ތުނބުޅި ވެސް ހުންނާނީ ދިގުކޮށްފައި." ތޮއްޑޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.