29 Feb 2016, 12:50
ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރަން މާލެ އަތޮޅުގެ ފަޅެއް 50 އަހަރަށް އެބޮނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އެކަމުގެ އަގުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރުގެ ޗެކް ހަވާލުކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ ކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެ އެވެ.
ދައުލަތުން އުފުލާފައިވާ ޚިޔާނާތްތެރިވުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޒިޔަތު ވިދާޅުވީ އެ ޗެކު އަދީބާ ހަވާލުކުރީ އެފަދަ ފައިސާތައް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރަން އެ މިނިސްޓްރީގެ ސިޓީއަކުން އެމްއެމްޕީއާރްސީއަށް އަންގާފައިވާ ކަމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ އެ ފައިސާއާ ހަވާލުވުމަށްފަހު ފައިސާއާ ހަވާލުވި ކަމުގެ ރަސީދެއް ވެސް އަދީބު ދެއްވާފައިނުވާ ކަމަށެވެ. އަދި އެފައިސާ ދައުލަތަށް ލިބުނުކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ އެބޮނީ ޕްރައިވެޓް ލިމިޓެޑުން ދޫކުރި އެއް މިލިއަން ޑޮލަރުގެ އެ ޗެކާ ހަވާލުވި ކަމަށް ޒިޔަތު އެއްބަސްވެ އަދި އެ ފައިސާ ދައުލަތަށް ލިބުނުކަން އެނގިވަޑައިނުގަންނަވާ ކަމަށް ޒިޔަތު ވިދާޅުވުމުން އެއީ ދައުވާ އަށް ވެވޭ އިއުތިރާފެއް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އެ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފައެވެ. ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅީ ހަމައެކަނި ލިޔެކިޔުންތަކެވެ.
އޭގެތެރޭގައި ފުލުހުން ތައްޔާރުކުރި ޑޮކިއުމެންޓް އެގްޒަމިނޭޝަން ރިޕޯޓާއި އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ސިޓީތަކަކާއި އެބޮނީ ޕްރައިވެޓް ލިމިޓެޑުން އެމްއެމްޕީއާރްސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއްގެ އިތުރުން އެމްއެމްޕީއާރްސީ އާއި އެބޮނީ ޕްރައިވެޓް ލިމިޓެޑްގެ ބޭންކު ސްޓޭޓްމަންޓުގެ ކޮޕީ ހިމެނެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޒިޔަތު ވަނީ އޭނާ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ތަހުގީގަށް ދެއްވާފައިވާ ބަޔާނަށް އިންކާރު ކުރައްވާފައެވެ.
ޒިޔަތުގެ ގާނޫނީ ވަކީލު އަހްމަދު ޔާމީން ވިދާޅުވީ އެ ބަޔާނަށް ޒިޔަތު އިންކާރު ކުރައްވަނީ އެއީ ފުރިހަމަ އިޚްތިޔާރުގައި ދެވުނު ބަޔާނެއް ކަމަށް ނުވާތީ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ގާޒީ ބާރީ ނިންމަވާލެއްވީ ދެން އޮންނާނީ ހެކިތަކާ ބެހޭގޮތުން ވާހަކަދައްކަން ބާއްވާ ޝަރީއަތުގެ މަޖިލީސްކަން އިއުލާން ކުރެއްވުމަށްފަހުއެވެ.