29 Feb 2016, 13:13
ހއ. ތައުލީމީ މަރުކަޒުގައި މަލްޓި ޕާޕޯސް ހޯލެއް އިމާރާތް ކުރުމަށް 8.02 މިލިއަން ރުފިޔާ އަށް ވޭވް ލެންތު ޕްރައިވެޓު ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމައިލް އަލީ އެވެ. އަދި ވޭވް ލެންތު ޕްރައިވެޓު ލިމިޓެޑުފެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޔޫނުސް އިބްރާހިމް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމައިލް އަލީ ވިދާޅުވީ، ހއ. ތައުލީމީ މަރުކަޒަކީ މަލްޓިޕާޕޯސް ހޯލެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވަ ސުކޫލެއް ކަމަށެވެ.
"އެ މަސައްކަތް ނިމުމަށް ހަމަޖެހިފައި މި އޮތީ 290 ދުވަހުގެ ތެރޭގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ކުންފުނީގެ ފަރާތުން އަޅުގަނޑުމެންގެ ސުކޫލް، ހއ. ތައުލީމީ މަރުކަޒުގެ މަލްޓިޕާޕޯސް ހޯލު އަޅުގަނޑުމެން ސުކޫލްތަކުގެ ދަރިވަރުންނަށް ބޭނުން ކުރުމަށް 2017 ވަނަ އަހަރު ފެށޭ އިރު ލިބޭނެ،" އިބްރާހިމް އިސްމައިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ސުކޫލްގައި އިމާރާތް ކުރާ މަލްޓި ޕާޕޯސް ހޯލަކީ ވޯލްޑު ބޭންކު ޕްރޮޖެކްޓުގެ ދަށުން އިމާރާތް ކުރެވޭ ހޯލެއް ކަމަށެވެ.
"މިއީ ވޯލްޑު ބޭންކުގެ އެހީގައި އަޅުގަނޑުމެންނަށް ލިބިފައި އޮތް ޕްރޮޖެކްޓެއް. ވޯލްޑު ބޭންކުގެ 12 ޕްރޮޖެކްޓުގެ ތެރެއިން މިހާރު ހަ ޕްރޮޖެކްޓު މި ނިމުނީ، ސޮއި ކުރުމާ ގުޅިގެން ހަ ޕްރޮޖެކްޓުގެ މަސައްކަތް ފެށިގެން އެ ދިޔައީ." އިބްރާހިމް އިސްމައިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހއ. ތައުލީމީ މަރުކަޒުގައި އިމާރާތް ކުރާ މަލްޓި ޕާޕޯސް ހޯލުގެ އަމަލީ މަސައްކަތް މާދަމާ ފައްޓާނެ ކަމަށެވެ.
ހއ. ތައުލީމީ މަރުކަޒަކީ އެލްކޭޖީ އިން ފެށިގެން ގްރޭޑު 11 އާ ހަމައަށް ކިޔަވަދޭ ސުކޫލެކެވެ. އެ ސުކޫލްގައި ޖުމްލަ 748 ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދެ އެވެ.