އޮޑިޓް ގާނޫނަށް އިސްލާހު ގެނައީ ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒް އިބްރާހިމް މަގާމުން ވަކިކުރަން ނޫން ކަމަށާއި ގާނޫނު އަސާސީގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކުރަން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް އަލުން ބޭފުޅަކު އައްޔަންކުރަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރަން ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް ހައިކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައި ނިޔާޒްގެ ފަރާޓުން ހުށަހެޅުއްވި ނުކުތާތަކަށް ޖަވާބުދާރީވަމުން އޭޖީ އޮފީހުންގެ ވަކީލު ވިދާޅުވީ އޮޑިޓަ ޖެނެރަލްގެ މަގާމަށް ނިޔާޒް އައްޔަންކޮށްފައި ވަނީ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ކަމަށެވެ.

އޭޖީގެ ވަކީލު ވިދާޅުވީ 2011 ވަނަ އަހަރު ނިޔާޒް މަގާމަށް އައްޔަން ކުރިއިރު ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ޝަރުތުތައް އެކުލަވާލައި ގާނޫނު އިސްލާހުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ނިޔާޒު އޮޑިޓަ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައި ވަނީ ވެސް ގާނޫނު އަސާސީގެ 211 ވަނަ މާއްދާގައި ބުނާ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށް އޭޖީން ވަނީ ބުނެފަ އެވެ.

ގާނޫނުގެ އަސާސީގެ 211 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ އޮޑިޓަ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އޭނާގެ މަސައްކަތުގެ ދާއިރާ އާއި އޭނާގެ ކިބަިއގައި ހުންނަވާނޭ ޝަރުތުތަކާއި ސުލޫކީ މިންގަނޑޫ ކަނޑައަޅާ ގާނޫނެއް އޮންނަންވާނެ ކަމަށެވެ.

އެއިސްލާޙުގެ ސަބަބުން ނިޔާޒަށް މަގާމު ގެއްލުނު ނަމަވެސް އަލުން އެމަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ނިޔާޒަށް އޮތް ކަމަށާއި، ނަމަވެސް އެމަގާމަށް އޭނާ ކުރިމަތިލާފައި ނުވާ ކަމަށް އޭޖީގެ ވަކީލު ވިދާޅުވި އެވެ.

ނިޔާޒުގެ ފަރާތުން ވަކީލު އިބްރާހިމް ރިފްއަތު ވިދާޅުވީ އޮޑިޓަ ޖެނެރަލްގެ މަގާމު ނިޔާޒަށް ގެއްލޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައިގެނައުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފުކަމެއް ކަމަށެވެ. އެހެންކަމުން އެ ގާނޫނަކީ ބާތިލް ގާނޫނެއް ކަމަށް ކަނޑައަޅައި ދިނުމަށް ނިޔާޒުގެ ފަރާތުން ވަނީ އެދިވަޑައިގެންފަ އެވެ. އޮޑިޓާ ޖެނެރަލް މަގާމުން ވަކި ކުރެވޭނެ ހާލަތްތައް ގާނޫނު އަސާސީގައި ބަޔާންކޮސްފައިވާ އިރު، ނިޔާޒަށް މަގާމު ގެއްލުނީ އެއިން އެއްވެސް ހާލަތެއް މެދުވެރިނުވަނީސް ކަމަށް ވަކީލު ރިފްއަތު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 215 ވަނަ މާއްދާ ބުނެފައި ވަނީ އޮޑިޓާ ޖެނެރަލް އައްޔަން ކުރާނީ ހަތް އަހަރު ދުވަހުގެ އެއް ދައުރަށް ކަމަށާއި އޮޑިޓާ ޖެނަރަލް ގާނޫނުގައިވާ ގޮތުގެ މަތީން ރައްޔިތުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ފަސް އަހަރު ނޫން ދިގު މުއްދަތަކަށް އޭނާގެ މަގާމުގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށެވެ.

ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ރިޔާސަތު ބަލަހައްޓަވައި އެ މައްސަލައިގެ ބެންޗުގައި ދެންތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

ނިޔާޒު މަގާމުން ވަކިކުރެއްވުމަށް ފަހު އޮޑިޓަ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވީ ހ. އާހަމަ، ހަސަން ޒިޔާތު އެވެ.