މޯލްޑިވްސް ނެޝަނަލް ކުލަބު ޗެމްޕިއަންޝިޕާއި މޯލްޑިވްސް ޗެސް ފެޑެރޭޝަން (އެމްސީއެފް) ކަޕްގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކުލަބު ހޯދައިފިއެވެ.

މި ދެ މުބާރާތުގެ ޗެމްޕިއަންކަންވެސް ޓީސީ ހޯދީ އެއްވެސް މެޗަކުން ބަލި ނުވެ އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ ގޮތުގައެވެ.

މި ދެ މުބާރާތުގައިވެސް ހުރިހާ މެޗެއް ކާމިޔާބު ކުރި ހަމައެކަނި ކުޅުންތެރިޔަކީ ޓީސީގެ އަޙްމަދު ނައީމެވެ.

ދެ މުބާރާތުގައި ޖުމުލަ 44 ހަތަރު ކުޅުންތެރިޔަކު ވަނީ ވާދަކޮށްފައެވެ.

ޓީސީގެ ކާމިޔާބާ ބެހޭގޮތުން ޓީސީ ސްޕޯޓްސް ކްލަބުގެ ރައީސް އަޙްމަދު ނާޝިދު (ޑޭވް) ވިދާޅުވީ ޓީސީއަކީ ވަކި ކުޅިވަރަކަށް ޚާއްސަ ޓީމެއް ނޫން ކަމަށާއި ރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ ޒުވާނުންނަށް ފުރުސަތު ލިބެން އޮތް ކޮންމެ ދާއިރާއަކުންވެސް ޓީސީ ފުރުސަތުތައް ތަނަވަސް ކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އޭޕްރީލް މަހު ފަށާ ފުޓްބޯޅަ ސީޒަނަށް ޓީސީއިން ތައްޔާރުވާން ފަށާފައިވާއިރު އެޓީމުގެ ސްކޮޑްގައި މިފަހަރުވެސް އާ ޒުވާން ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފައެވެ.