ވޮޝިންޓަން (ފެބްރުއަރީ 29):ސޫރިޔާގައި މިހާރު ތަންފީޒު ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނާކާމިޔާބު ވެއްޖެނަމަ ބީ ޕްލޭނެއްގެ ގޮތުން އެގައުމަށް އެއްގަމު މަގުން ވަދެގަތުން ހިމެނޭކަމަށް އެމެރިކާގެ ކުރީގެ އަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.

ނޭޓޯގައި ހިމެނޭ އެލަޔަންސް ބާރުތަކުގެ ކުރީގެ ކޮމާންޑަރު އެޑްމިރަލް ރިޓަޔަޑް ޖޭމްސް ސްޓާވްރީޑްސް ވިދާޅުވީ، ސޫރިޔާގައި މިހާރު ތަންފީޒު ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނާކާމިޔާބު ވެއްޖެނަމަ ޕްލޭން ބީ އެއް އެބައޮތް ކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ އިޝާރާތް ކުރައްވާ ޕްލޭން ގައި އަވަށްޓެރި ބައެއް އަރަބި ގައުމުތަކުގެ ސިފައިންނާއެކު އެމެރިކާ ސިފައިން ސޫރިޔާއަށް އެއްގަމު މަގުން އަރައިގަތުން ހިމެނޭކަމުގައެވެ.

ނަމަވެސް މިޕްލޭންގައި ރަޝިޔާ ނުހިމެނޭކަމަށާއި ނަމަވެސް މި ޕްލޭނަށް ރަޝިޔާގެ ތާއީދު ހޯދުމަށް އެމެރިކާ މަސައްކަތް ކުރަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭމްސް ސްޓާވްރީޑްސް އާ ހަވާލާދީ ސީއެންއެން ބުނާގޮތުން ޕްލޭން ބީ އާއެކު ސޫރިޔާއަށް ވަދެގަންނަ އަރަބި ލަޝްކަރުގައި އުރުދުންގެ ސިފައިންއާއި ސައޫދީ ސިފައިންގެ އިތުރުން ޔޫއޭއީ ގެ ސިފައިންވެސް ހިމެނެއެވެ. މިލަޝްކަރު ލީޑްކޮށް ކޮމާންޑް ކުރާނީ އެމެރިކާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވެސް ވަނީ ސޫރިޔާގައި މިހާރު ތަންފީޒު ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނާކާމިޔާބު ވެއްޖެނަމަ އެހެން ޕްލޭނެއް އެބައޮތް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ރަޝިޔާއިންވަނީ ކެރީ ވިދާޅުވާ އެޕްލޭން އެނގިފައި ނުވާކަމަށް ބުނެފައެވެ.

ސައޫދީ އަރަބިޔާއިންވަނީ އެމެރިކާގެ ކޮމާންޑްގެ ދަށުން އެއްގަމު މަގުން ސޫރިޔާއަށް ސިފައިން ފޮނުވަން ތައްޔާރަށް އޮތްކަން ކުރިން ހާމަކޮށްފައެވެ. އެމެރިކާގެ ބީ ޕްލޭން ބިނާވެފައިވަނީ ސޫރިޔާއަށް އެއްގަމު މަގުންވަދެ ސޫރިޔާ ސިފައިންނާ ކުރިމަތިލުމަށްކަމަށް ނުވަތަ ނޫންކަން ސާފުވެފައެއް ނުވެއެވެ.

ނަމަވެސް އެއްގަމު މަގުން ސޫރިޔާއަށް އަރައިގެން ހަނގުރާމަކޮށްގެން ސޫރިޔާ ސިފައިންގެ މައްޗަށް ކާމިޔާބު ހޯދުމަކީ އެމެރިކާއަށްވެސް ކުރެވޭނެ ކަމެއްނޫންކަމަށާއި މިއީ އަމިއްލައަށް މަރުވުންފަދަ ކަމެއްކަމަށް ތަޖްރިބާކާރުން ދެކެއެވެ. (އަލްޖަޒީރާ)