ނެދަލޭންޑްގެ ކުންފުންޏެއްކަމަށްވާ މާސް ނެދަލޭންޑް ބީވީ ގައި އުފައްދާފައިވާ ބައެއް ޗޮކްލެޓްތައް ރާއްޖޭގައި ވިއްކުން މަނާކުރިކަން އިއުލާން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)އިން ކުރި އިއުލާނުގައި 'ސެލިބްރޭޝަން' ބްރޭންޑްގެ މުއްދަތުހަމަވާ ތާރީހު ލިޔެވިފައި ވަނީ ނުބައިކޮށް ކަމަށް އެއޮތޯރިޓީން ބުނެފިއެވެ.

އެމްއެފްޑީއޭއިން މިއަދު އާއްމުކުރި އިއުލާނުގައި ބުނެފައި ވަނީ ސެލިބްރޭޝަންގެ މުއްދަތު ހަމަވާ ތާރީހަކީ ހަތެއް އޮގަސްޓް 2016 އިން 16 އޮކްޓޯބަރު 2016 ކަމަށް ލިޔެވިފައި ވަނީ އޮޅުމަކުން ކަމަށެވެ. ރަނގަޅު ގޮތަކީ 19 ޖޫން 2016 އިން އޮގަސްޓް 2016 ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ކުރީގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ބައެއް އުފެއްދުންތައް ރާއްޖޭގެ ބާޒާރުގައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެތަކެތި ފިހާރަތަކުން ނުނަގައި ވިއްކަމުންދާ ކަން ވެސް ފާހަގަވެފައިވާ ކަމަށެވެ.

"އަދި މިއުފެއްދުންތަކުގައި ޕްލާސްޓިކް ފްރެގްމެންޓްސް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމުން މިގޮތަށް ތަޣައްޔަރުވެފައިވާ ޕްރޮޑަކްޓް ބޭނުންކުރުމަކީ ކަރުގައި ތާށިވެ ނޭވާލުމަށް ދަތިވެ، ފުރާނައަށް ގެއްލުން ލިބިދާނެ ކަމެއް ކަމުގައި ދަންނަވަމެވެ،" އެފްޑީއޭގެ ބަޔާނުގައި ވެއެވެ.