25 Apr 2011, 10:44
ފެން ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ދުވާފަރު 10 އާއިލާއަށް ފޮށި ތަންމަތި ހިފައިގެން ކައުންސިލުގެ އިދާރާއަށް ބަދަލުވެ އެ އިދާރޭގެ ތެރޭގައި ދިރިއުޅެން ފަށައިފި އެވެ.
ގޭގެ ފެން ތަޣައްޔަރު ވެފައިވާ ކަމަށް ބުނެ ރަށު ކައުންސިލްގެ އިދާރާ ހިސޯރުކުރުމަށް ފަހު ރަށުގެ 10 އާއިލާއެއް ދިރިއުޅުމުގެ ހުރިހާ ސާމާނެއް ހިފައިގެން ކައުންސިލު އިދާރާއަށް ވަދެގަތީ މިއަދު ހެނދުނު އެވެ. އެ މީހުން ކައުންސިލު އިދާރާގައި ދިރިއުޅެން ފަށާފައިވާއިރު ރަށުގެ 80 ވަރަކަށް މީހުން ރަށު ކައުންސިލްގެ އިދާރާ ވަށައިލައި ހަރަކާތްތެރިވަމުން ވެސް އެބަދެ އެވެ.
ދުވާފަރު ރަށުކައުންސިލްގެ އިދާރާއަށް ވަދެ ތިބި މީހުންގެ ތެރެއިން އެކަކު ބުނީ އަމިއްލަ ގެ ދޫކޮށް ރަށުކައުންސިލްގެ އިދާރާ އަށް ވަނީ ގޭގެ ފެން ތަޣައްޔަރުވެ ސާފު ފެން ލިބޭނެ ގޮތެއް ކައުންސިލުން ހަމަޖައްސައި ނުދީގެނެވެ.
"އަޅުގަނޑުމެން މިއުޅެނީ ކައުންސިލް އިދާރާ ބަންދުކޮށްގެނެއް ނޫން. އަޅުގަނޑުމެން 10 ގޭގެ މީހުންނަށް އަޅުގަނޑުމެންގެ ގެތަކުން ސާފު ބޯފެން ނުލިބޭތީ ކައުންސިލްގެ އިދާރާއަށް ދިރިއުޅުން ބަދަލުކުރީ،" އެއްވެ ތިބި މީހުންގެ ތެރެއިން މީހަކު ސަންއަށް މައުލޫމާތު ދެމުން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދުވާފަރަށް ބަދަލުވިތާ ތިން އަހަރު ވެގެން ދިޔައިރުވެސް އެރަށަށް ފުރަތަމަ އައި ދުވަހުން ފެށިގެން ކުރިމަތިވެފައިވާ ފެނުގެ މައްސަލައަށް އެއްވެސް ހައްލެއް ލިބިފައެއް ނުވެ އެވެ.
"އަޅުގަނޑުމެންގެ ގެތަކަށް އަޅައިދީފައިވާ ފެންހޮޅިން އަންނަ ފެނުގައި ދުވަނީ ނަޖިސް ވަސް. އެ ފެނުން ފެން ވެރުވުމުން ތުއްތު ކުދިންނަށް ހަމުގެ ބަލިތައް ޖެހެނީ. މިކަމާ ޝަކުވާ ކުރާތާ މިހާރު ތިން އަހަރުވީ. އެއްވެސް ހައްލެއް ނުލިބުނު. އެހެންވެ މިތިބީ މިތަނަށް އައިސް" ދުވާފަރުގެ އެހެން ރައްޔިތަކު ބުންޏެވެ.
އެކަކު ބުނީ ރަށުކައުންސިލް އިންތިހާބު ކުރި ފަހުން ފެނުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެ ކައުންސިލްގެ މެމްބަރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި ނަމަވެސް އެކަން ހައްލު ނުވެގެން އުޅެނީ އެއަށްވުރެ މަތިން ކުރަން ޖެހޭ ކަންތައްތައް ނުކުރެވިގެން ކަމަށެވެ.
ދުވާފަރުގެ ގިނަ ބަޔަކު ރަށުކައުންސިލްގެ އިދާރާގެ ތެރެއަށް ވަދެ އެކައުންސިލްގެ މަސައްކަތް ހުއްޓުވި ހާދިސާއާ ބެހޭ ގޮތުން ދުވާފަރު ރަށުކައުންސިލްގެ މެމްބަރު އާމިރު އަހުމަދު ވިދާޅުވީ "އެކަހަލަ ކަމެއް ހިނގައިގެން އުޅޭ" ކަމަށެވެ.
"ތިކަހަލަ ކަމެއް ހިނގައިގެން އެބައުޅޭ. ތިކަމާ ބެހޭ މައުލޫމާތު ހޯދުމަށް ކަމާ ބެހޭ ފަރާތަށް ގުޅާ!" ރަށު ކައުންސިލުގެ މެންބަރފު އާމިރު އަހުމަދު ވިދާޅުވި އެވެ.
ދުވާފަރު ރަށުކައުންސިލްގެ އިދާރާއަށް ބަޔަކު އެއްވެގެން އުޅޭ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.