29 Feb 2016, 12:19
ސެވިއްޔާގެ މައްޗަށް 1-2ގެ ނަތީޖާ އަކުން ކުރި ހޯދައި، ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާއިން އަށް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ރޭގެ މޮޅާއެކު ބާސާ ލީގުގެ އެއްވަނައިގައި އޮތީ، 66 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 58 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ރެއާލް މެޑްރިޑް އޮތީ 54 ޕޮއިންޓާއެކު އެވެ.

ސްޕެނިޝް ލީގްގައި ރޭ ސެވިއްޔާއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ބާސާގެ ކޭމްޕް ނޯގައި ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ގޯލްޖަހައި ލީޑުނެގީ ސެވިއްޔާއިންނެވެ. އެ ގޯލް މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވިޓޯލޯއެވެ. ނަމަވެސް 31 ވަނަ މިނެޓްގައި ބާސާއަށް ލިބުނު ހިލޭޖެހުމަކުން ލިއޮނަލް މެސީ ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ބާސާއަށް މެޗުގައި ލީޑް ލިބިގެންދިޔައީ ލުއިސް ސުއަރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ޖެރާޑް ޕީކޭ ޖަހައިދިން ލަނޑުންނެވެ.
މިއީ ބާސާ ބަލިނުވެ ލީގްގައި ހަމަކުރި 34 ވަނަ މެޗެވެ. އެގޮތުން ބާސާއިން މިވަނީ މީގެ ކުރިން 1989 ވަނަ އަހަރު ވާދަވެރި ރެއާލް މެޑްރިޑުން ހަދާފައިވާ ރިކޯޑާ އަރާ ހަމަކޮށްފައެވެ.

ސްޕެނިޝް ލީގްގައި ރޭ ސެވިއްޔާއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މެޗަށްފަހު ބާސާގެ ކޯޗު ލުއިސް އެންރީކޭ ބުނީ، ރެކޯޑެއް ގާއިމު ކުރުމަކަަށް އޭނާގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ހުރިހާ ވެސް ވިސްނުމެއް ހުރީ މެޗުތަކުން މޮޅުވެ ލީގް ކާމިޔާބް ކުރުމަށް ކަމަށެވެ.
"ރިކޯޑެއް ގާއިމުކުރުމަކީ ތަފާތު ކަމެއް. މި ޓީމުން އެކަން ވެސް ކުރާނެ. ނަވަވެސް މި ވަގުތުގެ ހުރިހާ ވެސް ވިސްނުމެއް ހުރީ ލީގަށް. މިރޭގެ މެޗަކީ ވެސް ވަރަށް އުނދަގޫ މެޗެއް. ލީގް ކާމިޔާބް ކުރުމަށް ކުރިއަށް ވެސް ހުރީ ފަސޭހަ މެޗުތަކެއް ނޫން،" އެންރިކޭ ބުންޏެވެ.