29 Feb 2016, 11:16
އިސްލާމްއާބާދު (ފެބްރުއަރީ 29): އިސްލާމްދީނަށް ފާޑުކިޔާ މީހުންނާ ބެހޭ ގޮތުން ހަދާފައިވާ ގާނޫނު އިސްލާހު ކުރަން މަސައްކަތް ކުރި ޕަންޖާބުގެ ގަވަރުނަރު، ސަލްމާން ތަސީރު މަރާލި ބޮޑީގާޑުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.
ޕާކިސްތާނުގައި އިސްލާމް ދީނަށް ފާޑު ކިޔުމަކީ މަރުގެ ހުކުމް ލިބޭ ކުށެކެވެ.
ޕާކިސްތާނުގެ ބައެއް ރައްޔިތުން "ހީރޯ"އެއްގެ ގޮތުގައި ސިފަކުރާ މުމްތާޒް ގަދްރީގެ މައްޗަށް މިއަދު މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަން އެގައުމުގެ ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.
"މިއަދު ހެނދުނު އަޑިއާލިއާ ޖަލުން ގަދްރީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާކަން އަޅުގަނޑު ޔަގީންކޮށްދެން،" އެޖަލު ހުންނަ ރާވަލްޕިންޑީގެ އިސް ފުލުހަކު ވިދާޅުވި އެވެ.
ގަދްރީގެ ޝަރީއަތުގައި އޭނާ ބުނީ، ތަސީރުގެ ގަޔަށް 28 ފަހަރު ބަޑިޖަހާ މަރާލީ، އޭނާ އިސްލާމް ދީނަށް ފާޑުކިޔުމާ ބެހޭ ގޮތުން ޕާކިސްތާނުގައި ހަދާފައިވާ ގާނޫނާ ދެކޮޅު ހަދައި، ކީރިތި ރަސޫލާއަށް ހަޖޫޖެހި ކްރިސްޓިއަން އަންހެނެއް ކަމަށްވާ އާސިއާ ބީބީއަށް ތާއިދު ކުރުމުންނެވެ.
ގަވަރުނަރު ތަސީރު ދިޔައީ އިސްލާމް ދީނަށް ފާޑު ކިޔުމުން ކުރާ މަރުގެ ހުކުމާ ދެކޮޅަށް އަޑު އުފުއްލަވަމުންނެވެ. އަދި އެގާނޫނު އިސްލާހު ކުރުމަށް ގޮވާލައްވަމުންނެވެ. ތަސީރު މަރާލީ 2011 ވަނަ އަހަރު އެވެ. ގަދްރީގެ މައްޗަށް މަރުގެ ހުކުމްކުރީ ވެސް އެ އަހަރު އެވެ. (އަލްޖަޒީރާ)