29 Feb 2016, 10:15
ކޮމަންވެލުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އެޖެންޑާގައި ރާއްޖެ ހިމެނުމާ މެދު ވަކި ގޮތެއް ނުނިންމައި، ރާއްޖެ އިން ކުރަން ފެންނަ ހަ ކަމެއް އެ ޖަމާއަތުން ހުށަހެޅުމުން އެކަންކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން މިއަދު ވެއްދި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން މިއަދު ބޭރުކޮށްލީ 26 މެމްބަރުން ވޯޓުން ނެވެ. ކުއްލި މައްސަލައާ އެއްކޮޅަށް 20 މެމްބަރަކު ވޯޓު ދެއްވި އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނިޒާރު ވިދާޅުވީ އޭނާ ކުއްލި މައްސަލަ ހުށަހެޅުއްވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް އެކަންކަން ގެނައުމުގެ ބޭނުމުގައި ކަމަށެވެ.
ސީމެގުން ރާއްޖެއަށް ހުށަހެޅި ކަންތައް:
ސަރުކާރުން އިސްވެ ޕާޓީ މަޝްވަރާތައް ފެށުން
- ސިޔާސީ ލީޑަރުން މިނިވަންކުރުން
- ސިޔާސީ ލީޑަރުންގެ ޝަރީއަތް ކުރިއަށް ދިޔަ އިޖުރާއަތްތަކާ މެދު ހުރި ކަންބޮޑުވުންތަކަށް އިޖާބަދިނުން
- ހިޔާލުފާޅު ކުރުން ހުއްޓުވަން ޓެރަރިޒަމްގެ ގާނޫނު ބޭނުން ނުކުރުން
- ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ކޮމަންވެލްތުން ކުރިން ހުށަހަޅާފައިވާ ކަންތައްތަކަށް އަލުން ރިއާޔަތްކުރުން
- ސިވިލް ސޮސައިޓީތަކުގެ މިނިވަންކަން ކުރިއަރުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން
"އިސްވެ ދެންނެވުުނު ކަންކަމަކީ ސަރުކާރުން ކުރުމަށް ސީމެގުން ދިވެހި ސަރުކާރަށް އެދިފައިވާ ކަންކަން ކަމުގައިވާތީ، އެކަންކަން ތަންފީޒު ކުރުމުގެ މުހިއްމުކަން ދިވެހި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި މި ކުއްލި މައްސަލަ އަޅުގަނޑު ހުށަހަޅަން." ނިޒާރު ވިދާޅުވި އެވެ.