29 Feb 2016, 10:01
(25 ފެބްރުއަރީގެ އަދަދާ ގުޅޭ)
އިސްލާމްވެވަޑައިގަތުން
އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ނަބީކަމާއި ރަސޫލުކަމަށް ސިއްރިޔާތުގައި ދަޢުވަތު ދެއްވަން ފެއްޓެވި ދުވަސްވަރެވެ. ބާއްޖަވެރި ރޫޙުތަކުގެ ނަސީބުވެރީން ވަކާވަކާއަށް އީމާންވަމުންދިޔައެވެ. އެގޮތުން މުސްލިމުންގެ ޢަދަދު ވަނީ ދިހަޔަކަށް އަރައިފައެވެ.
السّيّدة هندއަށާއިعبد اللّـه بن عبد الأسدއަށް ކައުސާހިބާصلّى اللّـه عليه وسلّمގެ ދީނީ ދަޢުވަތުގެ ޚަބަރު ލިބިވަޑައިގަތުމުން އެ ހެޔޮލަފާ ދެކަނބަލުން އެ ދަޢުވަތާމެދު ނުހަނު ފުންކޮށް ފިކުރުފުޅު ހިންގެވިއެވެ. ސަމާސާކަން ކަނޑުއްވައި ވިސްނައިވަޑައިގެންނެވިއެވެ. ދެމަފިރިކަނބަލުން ސިންތާކުރެއްވިއެވެ. ދެމަފިރިކަނބަލުން ކަނޑައެޅުއްވީ ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް ވަޑައިގެން އިސްލާމްވެވަޑައިގެންނެވުމަށެވެ. އިސްލާމްދީނަށްޓަކައި އިސްވެވަޑައިގެން ކުރިޔަށް ނިކުމެވަޑައިގަންނަވާ ނަސީބުވެރިންގެ ލިސްޓުގެ އެންމެކުރީކޮޅުގައި ނަން ލިޔުއްވުމަށެވެ. އެބާއްޖަވެރި ދެމަފިރިކަނބަލުން އަވަސްއަވަހަށް މަޙްޝަރުގެ ޝާފިޢުގެ އަރިހަށް ވަޑައިގެން ބައްދަލުކުރެއްވިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއަށް އެމާތް ސާހިބާ ދެބީނުންގެދެދަރި ކޮއްކޯފުޅު އަދި ކިރުފޮދުގެ އަޚުعبد اللّـه بن عبد الأسدއާއި އެކަލޭގެފާނުގެ އަނބިކަނބަލުންهند بنت أبى أميّةފެނިވަޑައިގަތުމުން ނުހަނު ބޮޑަށް އުފާފުޅުކުރެއްވިއެވެ. އެދެމަފިރިކަނބަލުންނަށް މަރްޙަބާ ވިދާޅުވިއެވެ. އިސްލާމްދީނަށް ދަޢުވަތު ދެއްވިއެވެ. ބާޠިލު ދޫކޮށްލައްވައި ޙައްޤަށް ނަޞްރު ދެއްވަން އެދިވަޑައިގެންނެވިއެވެ. އެދެމަފިރިކަނބަލުން ކައުސާހިބާގެ އަރިހަށް ވަޑައިގަތީވެސް އެބޭނުންފުޅުގައެވެ. އެހެންކަމުން ވަގުތުތަކެއް ނަންގަވައިނުލައްވައި ލައްބައިކައޭ ވިދާޅުވެ ޖަވާބުދެއްވިއެވެ. ކުރީންވެސް ދެންނެވިފަދައިން ކައުސާހިބާصلّى اللّـه عليه وسلّمއެދުވަސްވަރު ދީނުގެ ދަޢުވަތު ދެއްވަމުން ގެންދެވީ އިތުބާރުހުރި، ގާތް ރަޙްމަތްތެރީންނަށެވެ. ތިމާގެފުޅު ބޭފުޅުންނަށެވެ. އެހެންކަމުން ދަރަޖަމަތިވެރި ޞަޙާބީންގެ މުޤައްދަސް ފަންވަތުގައި އެހައިތަނަށް ފުރޭފުވެފައިއޮތީ ދިހަ ނަންފުޅެވެ.عبد اللّـه بن عبد الأسدގެ ނަންފުޅަކީ އެގާރަވަނަ ނަންފުޅެވެ.هند بنت أبى أميّةގެ ނަންފުޅަކީ ބާރަވަނަ ނަންފުޅެވެ. މިގޮތުން އެދެމަފިރިކަނބަލުންނަށް ވަނީالسّابقون الأوّلونގެ މުޤައްދަސް ޖަމާޢަތުގެ ލިސްޓުގެ އެންމެ ކުރީކޮޅުން ޖާގަ ހޯއްދެވުމުގެ ޝަރަފު ލިބިވަޑައިގެންފައެވެ. (ޠަބަޤާތު، އިބްނު ސަޢުދު)
عبد اللّـهއާއިهندއާ ދެމަފިރިކަނބަލުން އިސްލާމްވެވަޑައިގަތުމަށްފަހު އެކަން ސިއްރުކުރައްވާކަށެއް ނުއުޅުއްވައެވެ. އެހެންކަމުން، އެދެމަފިރިކަނބަލުންގެ ވަންހަކަމުގައިވާ މަޚްޒޫމުވަންހަޔަށް މާގިނަދުވަހަކު އެކަން ވަންހަނާވެފައެއްނެތެވެ.عبد اللّـه بن عبد الأسد رضى اللّـه عنهއާއިهند بنت أبى أميّة رضى اللّـه عنهاއަކީ މައްކާގެ އެންމެ ޤަދަރުހުރި އެއްޢާއިލާއެއްގެ ޝަރަފުވެރި ދެމެމްބަރުންނެވެ. އެދެމަފިރިކަނބަލުންނާއި، އެދެމަފިރިކަނބަލުންގެ ޢާއިލާގެ ނުފޫޒާއި ބާރު މައްކާގައި ވަރަށް ގަދައެވެ. ދީލަތިފުޅުކަމާއި ފަޤީރުންނާއި މިސްކީނުންގެ ޙާލުބައްލަވައި އަޅާލެއްވުމުގެ ސަބަބުން މައްކާގެ އެންމެންވެސް އެޢާއިލާއާމެދު ބަލަނީ ކަމޭހިތުމުގެ ނަޒަރުންނެވެ. ނަމަވެސް އެދެމަފިރިކަނބަލުން އިސްލާމްވެވަޑައިގެންފިކަން ހަމައެނގޭއިރަށް އެންމެންގެ މިޒާޖު ބަދަލުވެއްޖެއެވެ. އޭގެކުރީން ޙުރުމަތުގެ ލޮލުން ބަލަމުންގެންދިޔަ ފަރާތްތަކުން ޖެހިލުމެއްނެތި ލޯވައްކުރަން ފަށައިފިއެވެ. އެކުވެރި މިތުރުންނާއި، ގާތްތިމާގެފުޅު އަޚުންނާއި އުޚުތުންނާއި ޢާއިލާގެ ނުފޫޒުހުރި ހަރު މެމްބަރުން މޫނު އަނބުރައިލިއެވެ. ގުޅުންކަނޑައިލިއެވެ. އަދި ކީއްތޯއެވެ. އުނދަގޫފުޅުކޮށް ޖެއްސުންކުރަން ފަށައިފިއެވެ. އަނިޔާވެރިވާން ފޫގަޅައިލިއެވެ. ދިރިއުޅުއްވަން ދަތިކުރާން ފަށައިފިއެވެ. އެކަމުގައި ކޮންމެ ދުވަހަކަށް އާގޮތެއް އާ އުކުޅެއް ހޯދައެވެ. މަޚްޒޫމުވަންހައިން އެދެމަފިރިކަނބަލުންނަށް ދަންނަވަމުން ގެންދިޔައީ އިސްލާމްދީން ދޫކޮށްލެއްވުމަށެވެ. "މަގުފުރެދުމުން" އެއްކިބާވެވަޑައިގެން ކާބަފައިންގެ މަގަށް އަލުން ރުޖޫޢަވެވަޑައިގަތުމަށެވެ. އެދެމަފިރިކަނބަލުން މަގުފުރެއްދުމަށް ކުރެވޭ މަސައްކަތުގައި ސަރުދާރުވެހުރީوليد بن مغيرة المخزومىއެވެ. އެދެމަފިރިކަނބަލުންގެ ޢާއިލާގެ އިސްވެރިޔާއެވެ. އޭނާގެ އަނިޔާވެރިކަން އެހެނިހެން މުސްލިމުންނަށްވުރެ އެދެމަފިރިކަނބަލުންގެ މައްޗަށް އިތުރުކުރިއެވެ. އޭނާގެ ނުހަނު ގާތްތިމާގެ "ހޭނުޖެހޭ ދެކުދީން މަގުފުރެދުނީތީ" އެކަމާ ވީމޮޅިން އެދެކުދީން ހަމަމަގަށް އެޅުވުމަށެވެ."
ނަމަވެސްعبد اللّـه بن عبد الأسد رضى اللّـه عنهއާއިهند بنت أبى أميّة رضى اللّـه عنهاފިސާރި ސާބިތުކަމާއެކު އެއަނިޔާތަކާއި، އިހާނެތިކަމާއި، ޖެއްސުންކުރުމާ ކުރިމަތިލެއްވިއެވެ. މޫސުން ނުބައިވެ ވެށިބަދަލުވުމަކުން އެދެމަފިރިކަނބަލުންގެ ޢަޒުމްފުޅަކަށްވެސް، ހިތްވަރުފުޅަކަށްވެސް، ސާބިތުކަމަކަށްވެސް، ގުޑުމެއް އަރުއްވައެއް ނުލެއްވިއެވެ. ކުޑަކޮށްވެސް ފަހަތަކަށް ޖެހިވަޑައެއް ނުގެންނެވިއެވެ.
ޙަބަޝާގެ އެންމެ ފުރަތަމަ ހިޖްރަ
މައްކާގައި އިސްލާމްދީނުގެ ދުޝްމިނުންގެ ހަރުކަށިކަން އިތުރުވެ އަނިޔާވެރިކަމުގެ ޠޫފާނީ ސައިލު މުސްލިމުންގެ އިސްކޮޅުނުކާވަރަށް އުތުރިއަރައިފިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެހައިތަނުން މުސްލިމުންނަށް ހިޖްރަކުރުމުގެ ހުއްދަ ދެއްވިއެވެ. ބިޢުޘަތުގެ ފަސްވަނައަހަރުގެ ރަޖަބުމަހު (ޢާމުލްފީލުގެ ސާޅީސްފަސްވަނަ އަހަރުގެ ރަޖަބުމަހު) އެވެ.
ޙަބަޝާގެ ރަސްގެފާނު ނަޖާޝީގެ ޢަދުލުވެރިކަމާއި އޯގާވެރިކަމުގެ ވާހަކަ އެދުވަސްވަރު މައްކާގައިވެސްއޮތީ ވަރަށްބޮޑަށް މަޝްހޫރުވެފައެވެ. އެހެންކަމުން ކައުސާހިބާصلّى اللّـه عليه وسلّمމުސްލިމުންނަށް އިރުޝާދު ދެއްވިއެވެ. "ތިޔަބައިމީހުންގެ ޖާނާއި ޢަޤީދާ ޙިމާޔަތްކުރުމަށްޓަކައި ޙަބަޝާއަށް ހިނގައިދާށެވެ. އެތާނގައި ހުންނަވަނީ ވަރަށް ޢަދުލުވެރި ރަސްކަލެކެވެ. އޭނާގެ އަރިހަކު ބޭއިންސާފެއްނެތެވެ. އަރަހުށި މާތްاللّـهގެ އިރާދަފުޅުން ދާދިއަވަހަށް ތިޔަބައިމީހުން އެންމެން އެއްތަނަކަށް ޖަމާކުރައްވާނެއެވެ."
ރިސާލަތުގެ ދަރުބާރުން ހުއްދަ ވިދާޅުބަސްފުޅު ހޯއްދަވައިގެން ޙަބަޝާއަށް ދަތުރުކުރެއްވި މުހާޖިރުންގެ އެންމެފުރަތަމަ ޤާފިލާގައި ހިމެނިވަޑައިގަންނަވަނީ ސޯޅަ ޞަޙާބީންނެވެ. (ބާރަބޭކަލުންނާއި ހަތަރު ބޭކަނބަލުންނެވެ.) އިސްލާމްދީނަށްޓަކައި ވަޒަން ދޫކޮށްލައްވައި އެންމެފުރަތަމަ ބަބުރުކަރަޔަށް ދަތުރުކުރެއްވި ދަރަޖަމަތިވެރި ޖަމާޢަތުގައިعثمان بن عفّان رضى اللّـه عنهއާއިالزّبير بن العوّام رضى اللّـه عنهއާއިعبد اللّـه بن عبد الأسد رضى اللّـه عنهހިމެނިވަޑައިގެންނެވިއެވެ. ބޭކަނބަލުންގެ ޝަރަފުވެރި ނަންފުޅުތަކުގެ ތެރޭގައި އެންމެކުރީގައިވަނީالسّيّدة رقيّة بنت محمّدصلّى اللّـه عليه وسلّمއާއި،السّيّدة هند بنت أبى أميّة رضى اللّـه عنهاގެ ނަންފުޅެވެ.
މުހާޖިރުންގެ މި ޤާފިލާ މައްކާގެ މުޝްރިކުންގެ ކަޅިމަތިބައްލަވަމުން ސިއްރިޔާތުގައި ޝުޢައިބާ ބަނދަރަށް ވަޑައިގެންނެވިއިރު ނަސީބުފުޅު ވަރަށް ރަނގަޅެވެ. މާތްاللّـهގެރަޙްމަތްފުޅުން ދަތުރުވެރީންގެ ދެނާ ފުރަންތައްޔާރުވެފައިއޮތެވެ. އެބޭބޭކައުކަނބަލުންނަށް އެދެނަވުން ޖާގަލިބިވަޑައިގެންނެވިއެވެ. ޞަޙާބީން ނަވަށް އަރައިވަޑައިގަތުމާއެކު ރިޔާކޮށައިލައިފިއެވެ. ސަލާމަތް ދަތުރަކަށްފަހު ޙަބަޝާގެ އައްސޭރީގައި ބަނދަރު ޖަހައިފިއެވެ.
މުސްލިމުންގެ ބަޔަކު ޙަބަޝާއަށް ފުރައިގެންދާން މައްކާއިން ނިކުމެއްޖެކަން މުޝްރިކުންނަށް އެނގުމުން މުސްލިމުންފަހައި އެއުރެން އަވަސްއަވަހަށް ޝުޢައިބާއަށް ދިޔައެވެ. ނަމަވެސް އޭރު މުސްލިމުން ދަތުރުކުރި ދެނާފުރައިގެން ހިނގައްޖެއެވެ.
އެބޭކަލުން ޙަބަޝާގައި ތިއްބަވާތާ ތިންމަހެއްހައި ދުވަސްވީތަނާ މައްކާގެ މީހުން އިސްލާމްވެއްޖެ ޚަބަރު (ނުވަތަ މުޝްރިކުންނާއި މުސްލިމުން ޞުލްޙަވެއްޖެ ޚަބަރު) ޙަބަޝާއަށް ހިނގައްޖެއެވެ. މި ޚަބަރެއް ފެތުރޭން މެދުވެރިވީ ކައުސާހިބާصلّى اللّـه عليه وسلّمމުޝްރިކުންގެ ޖަމާޢަތެއްގެ ތެރޭގައި ސޫރަތުއްނަޖްމު ކިޔަވައި ވިދާޅުވުމަށްފަހު ސަޖިދަކުރެއްވުމުން މުޝްރިކުންގެ ބައެއް މީހުނަށް އޮޅުމެއްގެ ތެރޭގައި ސަޖިދަކުރެވުމުންނެވެ. އެޚަބަރު ލިބިވަޑައިގަތުމާއެކު މުހާޖިރުން މައްކާއަށް މިޞްރާބު ޖެއްސެވިއެވެ. ބައެއް މުއައްރިޚުން ލިޔުއްވާގޮތުގައި މުހާޖިރުންކުރެ ބައެއް ބޭކަނބަލުން ޙަބަޝާގައި މަޑުވެސް ކުރެއްވިއެވެ. ކޮންމެއަކަސްعبد اللّـه بن عبد الأسد رضى اللّـه عنهގެ ދެކަނބަލުން ހިމެނިވަޑައިގަތީ މައްކާއަށް އެނބުރިވަޑައިގެންނެވި މުހާޖިރުންގެ ތެރެއިންނެވެ. އެބޭކަލުން މައްކާއާ ވަރަށް ކައިރިއަށް ވަޑައިގެންނެވިތަނާ އެނގިވަޑައިގަތީ އެބޭކަލުންނަށް ލިބިވަޑައިގެންނެވި ޚަބަރަކީ ދޮގު ޚަބަރެއްކަމެވެ. ނަމަވެސް ވަގުތުން އަނބުރައިލައްވައިފައި ޙަބަޝާއަށް ދަތުރުކުރެއްވުމުން ރަނގަޅުކަމަކަށް އެބޭކަލުންނަކަށް ފެނިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން އެކިފަރާތްފަރާތުގެ ޙިމާޔަތުގައި އެބޭކަލުން މައްކާއަށް އަރައިވަޑައިގެންނެވީއެވެ.
إبن إسحاقއަށް ޙަވާލާދެއްވައިإبن هشامލިޔުއްވައިފައިވާ ގޮތުގައިعبد اللّـه بن عبد الأسد رضى اللّـه عنهމައްކާއަށް އަރައިވަޑައިގަތީ އެކަލޭގެފާނުގެ މާބެ (މައިފުށުގެ ބޮޑުބޭބެ)أبو طالبގެފާނުގެ ރައްކާތެރިކަމުގެ ދަށުގައެވެ. މަޚްޒޫމްވަންހައިގެ މީހުން އެކަމާ ވަރަށް ނުޤަބޫލުވިއެވެ. އެމީހުންأبو طالبގެފާނަށް އިޙްތިޖާޖުކުރިއެވެ. "ކަލޭގެފާނު ކުރީއްސުރެވަނީ ކަލޭގެފާނުގެ ކޮއްކޯފުޅުގެ ދަރިކަލުންނަށް (صلّى اللّـه عليه وسلّم) ޙިމާޔަތްދެއްވައިފައިވެއެވެ. އަޅުގަނޑުމެން މިތިބީ އެކަން ޤަބޫލުކޮށްގެނެވެ. މިހާރު އަނެއްކާ އަޅުގަނޑުމެންގެ މީހާވެސް ކަލޭގެފާނުގެ ރައްކާތެރިކަމުގެ ދަށަށް ތިޔަގެންދެވީއެވެ. އަޅުގަނޑުމެން ތިޔަކަމެއް ޤަބޫލެއް ނުކުރާނޫއެވެ. ތިޔަހެން ތިޔަހެއްދެވީ ކީއްވެގެންތޯއެވެ؟"
أبو طالبގެފާނުޖަވާބުދެއްވިއެވެ. "محمّد(صلّى اللّـه عليه وسلّم) އަކީ އަހަރެންގެ އަޚާގެ ދަރިކަލުންކަމުގައިވާ ފަދައިން،عبد اللّـه(رضى اللّـه عنــه)އަކީ، އަހަރެންގެ އުޚްތާގެ ދަރިކަލުންނެވެ. އަހަންނަށް އަހަރެން އަޚާގެ ދަރިކަލުންނަށް ޙިމާޔަތްދެވޭނަމަ އަހަރެންގެ އުޚުތާގެ ދަރިކަލުންނަށްވެސް ޙިމާޔަތްދެވެން ޖެހޭނެއެވެ."
(ނުނިމޭ)