29 Feb 2016, 09:57
މުމްބާއީ (ފެބްރުއަރީ 29): އިންޑިއާގެ މުމްބާއީ ކައިރީ އޮންނަ ތާނޭ ސިޓީގައި ހަސްނައިން ވަރޭކާ ކިޔާ 35 އަހަރުގެ މީހަކު އޭނާގެ އާއިލާގެ 14 މީހަކު މަރާލައި އަމިއްލައަށް މަރުވެއްޖެ އެވެ.
ވަރޭކާ ވަޅިން ހަމަލާދީ މަރާލި މީހުންގެ ތެރޭގައި އޭނާގެ މައިންބަފައިންނާއި، އަނބިމީހާ އާއި، ދެ ކުދިންނާއި، އަންހެން ކޮއްކޮއިންނާއި އެމީހުންގެ ކުދިން ހިމެނެ އެވެ. ރޭގެ ވަގުތެއްގައި އާއިލާގެ އެންމެން ނިދާފައި ތިއްބާ ވަރޭކަރު ދިން ހަމަލާއިން ސަލާމަތްވީ އޭނާގެ އެއް އަންހެން ކޮއްކޮ ކަމަށްވާ، ސޫބިއާ ބަރްމާރު އެކަންޏެވެ.
ފުލުހުން ބުނި ގޮތުގައި ވަރޭކަރު އޭނާގެ އާއިލާގެ ހުރިހާ އެއްމެން އޭނާގެ ގެޔަށް ގެންދިޔައީ ވަރޭކަރުގެ އަންހެން ދަރިފުޅަށް ފަސް އަހަރު ފުރުން ފާހަގަ ކުރަން ކަމަށް ބުނެ އެވެ. އަދި އޭނާ ވަނީ އެމީހުންގެ ކާތަކެއްޗަށް ހޭނައްތާ ބޭހެއް އަޅާފައި ކަމަށް ފުލުހުން ލަފާކުރެ އެވެ. އޭގެ ފަހުން، އާއިލާގެ އެންމެން ނިދުމުން ވަޅިއެއް ބޭނުންކޮށްގެން އާއިލާ މީހުންގެ ކަރުބުރިކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.
ސޫބިއާ ސަލާމަތްވީ ވަރޭކަރު އޭނާއަށް ހަމަލާދޭން އުޅެނިކޮށް ހޭލެވުމުންނެވެ. އޭނާ ސަލާމަތްވީ އަވަށްޓެރިންގެ އެހީގައި ގޭގޭ ކުޑަދޮރުން ނުކުމެގެން ފިލުމުންނެވެ. އެހާދިސާގެ ސަބަބުން އޭނާއަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށާއި އެހެންކަމުން އޭނާއާ އަދި ސުވާލު ކުރެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.
ވަރޭކަރު އޭނާގެ އާއިލާ މަރާލި ސަބަބު އަދި ހޯދިފައިވާ ނުވާ ކަމަށް ފުލުހުން ބުންޏެވެ. (އިންޑިއަން އެކްސްޕްރެސް)