29 Feb 2016, 09:40
ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުންދޭ ޚިދުމަތްތަކުގެތެރެއިން ބައެއް ޚިދުމަތްތައް ތ. އަތޮޅުގައި ދޭން ފައްޓައިފި އެވެ.
ތ. އަތޮޅު ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ކައުންސިލްގެ ޓްރެއިނިންގް ސެންޓަރުގައި އެ ހިދުމަތް ހޮނިހިރު ދުވަހުގެ ރޭ ރަސްމީކޮށް ފައްޓަވާދެއްވީ ތ. އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފް ޢަބްދުލްފައްތާޙު ކަމަށެވެ. އެ ހިދުމަތް ދިނުމަށް ނިންމީ ޓްރާންސްޕޯޓް އޮތޯރިޓީ އާއި އެ ކައުންސިލާ ދެމެދު ވި އެއްބަސްވުމެއްގެ ދަށުން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުންޏެވެ.
ތ. އަތޮޅު ކައުންސިލުން ބުނީ އެ ކައުންސިލުން ދޭނެ، ޚިދުމަތްތަކުގެތެރޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިލަންސް ދޫކުރުމާއި އެއްގަމު އުޅަނދުގެ ރަޖިސްޓްރީގެ ޚިދުމަތްދިނުމާއި ކަނޑު އުޅަނދުގެ ރަޖިސްޓްރީގެ ޚިދުމަތް ދިނުމާއި އެއްގަމު އުޅަނދުގެ ރޯޑް ވާދިނަސް ކަންތައްތައް ބެލެހެއްޓުމާއި ކަނޑު އުޅަނދުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމާއި އޮޑީ ނަމްބަރު ދޫކުރުމާއި ޓެކްސީ ޑްރައިވަރުންގެ ހުއްދަ ހެދުމާއި ޒޯންތަކަށް ނިސްބަތްވާ އެއްގަމު އުޅަނދު ތ. އަތޮޅުގައި ދުއްވުމުގެ ހުއްދަ ދިނުން ހިމެނޭ ކަމަށެވެ.