25 Apr 2011, 10:32
އެޖެންޑާ ކުރާނެ މަސައްކަތެއް ނެތްކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމު މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ ޖަލްސާ ނުއްބޭއްވެވި މައްސަލަ ބަލައި ދިނުމަށް އެދި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުން ނިޒާމީ މައްސަލަ ނަންގަވައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ވިދާޅުވީ، މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމު މިދިއަ ބުދަ ދުވަހުގެ ޖަލްސާ ނުބޭއްވެވީ އެމަނިކުފާނުގެ އަމިއްލަބޭނުން ފުޅަށް ޓަކައި ކަމަށެވެ.
"މަޖިލީހުގެ ޖަލްސާތައް ބާއްވަންވީ ގޮތް މަޖިލީހުގެ ގަވާއިދުގައި ވަރަށް ރަނގަޅަށް ތަފްސީލްކޮށް ބަޔާންކޮށްފައިވޭ. އެހެންނަމަވެސް މިދިޔަ ހަފުތާ ނިމިގެން ދިޔައިރު އާއްމުކޮށް ބާއްވަންޖެހޭ ތިން ޖަލްސާގެ ތެރެއިން އެއް ޖަލްސާ ވަނީ މަޖިލީހުގެ ނާއިބު ރައީސްގެ އަމިއްލަ ބޭނުން ފުޅަށްޓަކައި ހުއްޓުވާލައިފަ އަޅުގަނޑު ބޭނުންވޭ އެކަން ކުރެވިފައިވާގޮތެއް މަނިކުފާނު ބެއްލެވުން،" މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސަށް ނިސްބަތްކޮށް މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާ ނިންމަވާލެއްވީރު، ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްގެން ޖަލްސާއިން ނިންމަން ނުވަތަ ވޯޓަށް އަހަންޖެހޭ ގޮތަށް ކަސްޓަމްސްގެ ބިލު އޮތް ކަމަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް ނިސްބަތްވެވަޑައިގަންނަވާ ފަރާތްތައް ބޭނުންވާ އަދަދަށް މެންބަރުން ނެތުމުން އެކަން ލަސްކުރެއްވީ ކަމަށް ވެސް މޫސަ ތުހުމަތު ކުރެއްވި އެވެ. އަދި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަންވާނީ ގަވާއިދުގެ ދަށުން ސިޔާސީ ޕާޓީތައް އެއްބަސްވެފައިވާ ގޮތަށް ކަމަށާއި އެނޫން ގޮތަކަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ނުދޭނެ ކަމަށް ވެސް މޫސަ އިންޒާރު ދެއްވި އެވެ.
"މަޖިލީހުގެ ޖަލްސާތައް ހިންގުމުގައި ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ ގޮތް ތަންފީޒު ކުރަންޖެހޭނެ. އެނޫން ގޮތަކަށް މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ރިޔާސަތުން ކުރިއަށް ގެންދިޔަ ދިނުމަށް އަޅުގަނޑުމެންގެ ޕާޓީން ފުރުސަތެއް ނުދޭނަން. މަޖިލީހުގެ މަސައްކަތް ނެތިގެނެއްނޫން ޖަލްސާތައް ނުބޭއްވީކީ،" މޫސަ ވިދާޅުވި އެވެ.
މޫސަ އެ މައްސަލަ ހުށަހެޅުއްވުމުން ޝާހިދު ވިދާޅުވީ، އެ މައްސަލައާމެދު ނާއިބު ރައީސާ މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި އެއަށްފަހު އެކަމާބެހޭ މައުލޫމާތު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހަފުތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހޭއިރު، މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ޖަލްސާ ނުބޭއްވީ އެ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރައްވާނެ މަސައްކަތެއް ނެތުމުން ކަމަށް ބުނެ އެވެ.
މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވަޑައިގެން ނެތުމުން މިދިޔަ ހަފުތާގެ ހުރިހާ ޖަލްސާތަކެއްގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމެވެ.