ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވަމުން ގެންދެވި ތިން މެމްބަރަކު ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް އަށް ބަދަލުވެ ލިޔުންތައް ހުށަހެޅުމުން، މަޖިލީހުގައި ޕީޕީއެމް ތަމްސީލު ކުރައްވާ މެމްބަރުންގެ އަދަދު 47 އަށް އަރައިފި އެވެ. އަކަން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް އަބްދުﷲ މަސީހު މުހައްމަދެވެ،

ޕީޕީއެމް އަށް ބަދަލުވިކަން އަންގައި ލިޔުންތައް ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު، ހުސައިން ޝަހުދީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު އަދި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން އެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު ޕީޕީއެމް އަށް ސޮއިކުރައްވާފައި ވަނީ ހުސްވި ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ޕީޕީއެމް އަދި އެމްޑީއޭ ގުޅިގެން ބޭއްވި ޖަލްސާއެއްގަ އެވެ. މެމްބަރު އަބްދުﷲ އަހްމަދު އަދި ބިލެތްދޫ ދާއިރާގެ މެމްބަރު ޕީޕީއެމްއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް އައިސްފައިވާ ބަދަލުކޮށް ރަސްމީކޮށް އިއުލާންކޮށްފައި ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގަ އެވެ.

އެ ތިން މެމްބަރުންނަކީ ވެސް ޖޭޕީ ތަމްސީލު ކުރައްވަމުން ގެންދެވި ތިން މެމްބަރުން ކަމުން، މިހާރު މަޖިލީހުގައި ތިއްބެވީ އެ ޕާޓީގެ އަށް މެމްބަރުންނެވެ.

މިހާރު މަޖިލީހުގައި ތިއްބެވީ ޕީޕީއެމްގެ 47 މެމްބަރުންނާ، އެމްޑީޕީގެ 22 މެމްބަރުން، ޖޭޕީގެ އަށް މެމްބަރުން، އެމްޑީއޭ ގެ ފަސް މެމްބަރުން، އަދާލަތު ޕާޓީގެ މެމްބަރެއް އަދި އެއްވެސް ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ދެ މެމްބަރުންނެވެ.