29 Feb 2016, 18:05
ދިމިޝްގު (ފެބްރުއަރީ 29):ސޫރިޔާގެ ހަނގުރާމައިގާ ޙާލުގައި ޖެހިފައިވާ ދޮޅުލައްކައަށްވުރެ ގިނަމީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އދ. ން ބުނެފިއެވެ.
އދ. ން ސޫރިޔާގައި ހިންގާ އިންސާނީ އެހީގެ ކަންތައްތައް ވިލަރެސްކުރާ ވެރިޔާ ޔައުގޫބުލްޙުލޫ ވިދާޅުވީ އދ. ގެ އަމާޒަކީ ސޫރިޔާގެ އެކި ސަރަހައްދުތަކުގައިތިބި އެއްލައްކަ ފަންސާސް ހަތަރުހާސް މީހުންނަށް ކުރިޔަށްއޮތް ފަސްދުވަހުގެ ތެރޭގައި އިންސާނީ އެހީ ފޯރުކޮށްދިނުން ކަމަށެވެ. އިންސާނީ އެހީ ފޯރުކޮށްދިނުން ލަސްވެއްޖެނަމަ މީގެތެރެއިން ބައެއްމީހުންގެ ހާލަތު އިތުރަށް ގޯސްވެ ބައެއްމީހުންގެ ފުރާނައަށް ނުރައްކާވެދާނެކަމުގެ ބިރު އެބައޮތްކަމަށްވެސް ޙުލޫ ވިދާޅުވިއެވެ.
ސޫރިޔާގެ ހަނގުރާމައިގާ ޙާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އިންސާނީ އެހީގެތެރޭގައި ކާބޯތަކެއްޗާއި ބޭހުގެ އިތުރުން ރަޖައާއި ގޮދަޑިއާއި އަންނައުނާއި ސާފުތާހިރު ވުމަށް ބޭނުންވާ ތަކެއްޗާއި އެނޫންވެސް ތަކެތި ހިމެނެއެވެ. ސޫރިޔާގެ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލާފައިވާ މިދަނޑިވަޅުގައި ސޫރިޔާގެ ކަންކޮޅުތަކަށް އިންސާނީ އެހީފޯރުކޮށްދިނުމަށް އދ. ގެ އެކި ޖަމްއިއްޔާތަކާ އަދި އިންސާނީ އެހީގެދާއިރާގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ގެންދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
ސޫރިޔާގެ އެތެރޭގައި އިންސާނީ އެހީއަށް ބޭނުންވެފައިވާ ހަތަރު މިލިޔަނަށްވުރެ ގިނަމީހުން ތިބިއިރު މީގެތެރެއިން ގިނަމީހުން ދިރިއުޅެނީ ވަރަށްދުރު އަދި ވާސިލްވާން ދަތި ހިސާބުތަކުގައެވެ.
ސޫރިޔާގެ ހަނގުރާ ވަގުތީ ގޮތުން ހުއްޓާލާފައިވާ މިދަނޑިވަޅަކީ ސޫރިޔާގެ ހަނގުރާމައަށް ދާއިމީ ޙައްލެއް ހޯދުމުގެ މަޝްވަރާތައް ކުރިޔަށްގެންދަންވީ ވަގުތުކަމަށާއި ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ ކުޑަކުދިންނާއި ޒުވާނުންގެ އެތަށް ޖީލެއްގެ ބަޔަކު ހަލާކުވެ އެމީހުންގެ މުސްތަގްބަލާއި ތަބީޢީ ދިރިއުޅުން ގެއްލިފައިވާ ކަމަށް އދ. ން ބުނެއެވެ. (ރޮއިޓާސް)