އުމުރުން ދުވަސްވުމަކީ ހިފެހެއްޓޭނެ ނުވަތަ ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫނެވެ. މަރުނުވާ ނަމަ، ކޮންމެ އިންސާނަކު ވެސް މުސްކުޅިކަމުގެ ކަންކަން ތަޖުރިބާކުރަން ޖެހޭނެ އެވެ.

މުސްކުޅިވުމުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. އެގޮތުން އަންނަ ބަދަލަކީ ހަންގަޑަށް އަންނަ ބަދަލެވެ. އުމުރުން ދުވަސްވާރަކަށް ހަންގަނޑުގައި ރޫޖެހި ކުރަކިވާ ގޮތްވެ އެވެ. އެކަމުގެ ސަބަބުން އުމުރުން ދުވަސްވާކަމުގެ ކުލަވަރު މޫނުމަތިން ފެންނަން ފަށަ އެވެ.

ކަން މިހެން އޮތް ނަމަވެސް، "މުސްކުޅިވާކަން" ދައްކަން ބޭނުން ނުވާ އެތަކެއް ބަޔަކު މިދުނިޔޭގައި އުޅެ އެވެ. އެހެންކަމުން ދުވަސްވުމުގެ ސަބަބުން މޫނުމަތީގައި ރޫޖެހުން ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލާލާނަމެވެ.

އުއްޑުން ނިދަން އޮތުން

އެކި މީހުންނަށް ނިދަން ފަސޭހަ ވަނީ އެކި ގޮތްގޮތަށް އޮށޯވެ އޮވެގެންނެވެ. އެގޮތުން ބައެއް މީހުންނަށް ބަންޑުން އޮވެ ނިދަން ފަސޭހަ ވާއިރު، އަނެއް ބައި މީހުންނަށް ފަސޭހައީ އެއް ފަރާތަށް އެނބުރި އޮވެގެން ނިދުމަށެވެ. އެހެންނަމަވެސް އިނގޭ ހެއްޔެވެ؟

އެކި ގޮތްގޮތަށް އޮވެ ނިދުމަކީ ވެސް މޫނުގައި ރޫ ޖެހުމަށް މެދުވެރިވާ ނުވަތަ ފަސޭހަކޮށްދޭ ކަމެކެވެ. އެގޮތުން އެއް ފަރާތަށް އޮވެ ނިދައިފި ނަމަ ކޮލުގެ ހަންގަނޑުގައި ރޫޖެހުމަށް މެދުވެރިވެ އެވެ. އެހެންނަމަވެސް އުއްޑުން އޮވެ ނިދުމަކީ އެންމެ ފައިދާ ހުރި ގޮތެވެ. އެގޮތުން އުއްޑުން އޮވެ ނިދުމުން ހަންގަނޑުގައި ރޫ ޖެހުމުން ދުރުކޮށްދެ އެވެ.

ސިލްކު ބާލިސް ބޭނުން ކުރުން

ބާލީހަކީ ވެސް ހަނގަނޑުގައި ރޫ ޖެހުމަށް މެދުވެރިކޮށްދޭ އެއްޗެކެވެ. އެގޮތުން ކަފަ ބާލީސް ބޭނުން ކުރުމަކީ މޫނުގައި ހުންނަ މޮއިސްޗަރައިސްކަން ބާލީހަށް ދަމައިހެންނަ ކަމެކެވެ. އެހެންނަމަވެސް ނިދަން އޮންނަ އިރު ސިލްކު ބާލީސް ބޭނުން ކުރާ ނަމަ، މޫނުގެ މޮއިސްޗަރައިޒްކަން ދެމި ހުންނާނެ އެވެ.

ކޮފީގެ ބަދަލުގައި ކޮކޯ ބުއިން

ދިރާސާތަކުންދައްކާ ގޮތުގައި ކޮކޯ އަކީ ހަންގަނޑުގައި ރޫ ޖެހުމުން ދުރުކޮށްދޭ ބުއިމެކެވެ. ސަބަބަކީ އެ ބުއިމުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު އެކުލެވިގެން ވުމެވެ. އޭގެ ސަބަބުން އިރުގެ ދޯދިތަކުން ހަންގަނޑު ރައްކާތެރިކޮށް، ލޭ ދައުރުވުން ރަނގަޅުކޮށްދީ، ހަންގަނޑު ހައިޑުރޭޓުކުރުމުގެ އިތުރުން ހަންގަނޑު އޮމާން ވެސް ކޮށްދެ އެވެ.

ގިނައިން މަސް ކެއުން

ހަންގަނޑުގެ ޒުވާން ކަން ދެމެހެއްޓުމަށް ގިނައިން މަސް ކާށެވެ. އެގޮތުން ސަލްމަން އަކީ ހަންގަނޑުގެ ޒުވާންކަން ދެމެހެއްޓުމަށް އެހީތެރިވެދޭ މަހެކެވެ. އެ މަހުގައި ހަންގަނަޑުގެ ދުޅަހެޔޮކަމަށް ބޭނުންވާ ޕްރޮޓީންސް ގިނަ އަދަދަކަށް އެކުލެވެ އެވެ.

ހަމައެއާ އެކު، އެ މަހަކީ އޮމެގާ-3 ފެޓީ އެސިޑުން ވެސް މުއްސަނދި ވެފައިވާ މަހެކެވެ. އެމަސް ކެއުމުން ހަނގަނޑު ދުޅަހެޔޮކޮށްދީ ޒުވާންކަން ދަމަހައްޓާނެ އެވެ.

އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ ކާނާ ކެއުން

އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ ތަރުކާރީ އާ މޭވާ ގިނަ އަދަދަކަށް ބޭނުން ކުރުމަކީ ވެސް ހަންގަނޑު ރޫ ޖެހުމުން ދުރުކޮށްދޭ ކަމެކެވެ. ހަމައެއާ އެކު ގިނައިން ފެން ބުއިމަށް ވެސް އާދަ ކުރާށެވެ.

މައުލޫމާތު: ހެލްތުޑައިޖެސްޓު.ކޮމް