މިހިނގާ 2016 ވަނަ އަހަރު ނިމުމުން، މަޝްހޫރު މެސެޖިންގް އެޕް "ވަޓްސްއެޕް" ބްލެކްބެރީ ފޯނުތަކުން ބޭނުން ނުކުރެވޭނެ ކަމަށް ވަޓްސްއެޕް އިން ބުނެފި އެވެ.

ވަޓްސްއެޕްއަށް ހަތް އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން އެ އެޕްގެ ޚާއްސަ ބްލޮގުގައި ނެރުނު ލިޔުމެއްގައި ބުނެފައި ވަނީ، ބްލެކްބެރީގެ ހުރިހާ ޑިވައިސަކަށް ވެސް އެ އެޕްގެ ސަޕޯޓު، 2016 އަށް ފަހު ހުއްޓޭނެ ކަމަށެވެ.

ބްލެކްބެރީގެ އިތުރުން، ނޮކިއާ އެސް40، ނޮކިއާ ސިމްބިއަން އެސް 60، އެންޑްރޮއިޑްގެ 2.1 އަދި 2.2 ގެ އިތުރުން، ވިންޑޯސް ފޯން 7.1 އަށް ވެސް ވަޓްސްއެޕްގެ ޚިދުމަތް ދިނުން ހުއްޓާލާނެ ކަމަށް ވަޓްސްއެޕްއިން ބުނެފައިވެ އެވެ.

ވަޓްސްއެޕް އިން ބުނީ، އެ އެޕްލިކޭޝާނުން ކުރިޔަށް އޮތް ދުވަސްތަކުގައި ތައާރަފު ކުރާނެ ބައެއް ފީޗާތަކަށް ސަޕޯޓު ކުރުމުގެ ގާބިލުކަން މި ފޯނުތަކާއި ޑިވައިސްތަކުގައި ނުހުންނާނެ ކަމަށެވެ.

"މިއީ އަހަރެމެންނަށް އުނދަގޫ ނިންމުމެއް. އެކަމަކު ވެސް އެކި ކަންކޮޅުތަކުތައި ތިބި މީހުން އެމީހުންގެ އާއިލާއާއި ރަހުމަތްތެރިންނާއި ގާތް މީހުންނާ ވަޓްސްއެޕް މެދުވެރިކޮށް ކުރިޔަށް އޮތް ތަނުގައި ވެސް ގުޅުން ބޭއްވުމުގެ ޚިދުމަތް ދެވޭނީ މިފަދަ ގޮތަކަށް އަޕްގްރޭޑު ކޮށްގެން،" ވަޓްސްއެޕް ބްލޮގުގައިވެ އެވެ.

ވަޓްސްއެޕް އިން ބުނީ އެ އެޕްލިކޭޝަނުގެ މެސެޖިންގް ސާވިސް ހޯދުމަށް، އެ އެޕްލިކޭޝަނު ސަޕޯޓު ކުރާނެ ޑިވައިސެއް ހޯދުމަށް ރިކޮމެންޑް ކުރާ ކަމަށެވެ.

ވަޓްސްއެޕްއަކީ ދުނިޔޭގެ 900 މިލިޔަނަށް ވުރެ ގިނަ މީހުން މިހާރު ވެސް ބޭނުން ކުރަމުން އަންނަ މެސެޖިންގް ސާވިސް އެޕްއެކެވެ. ފޭސްބުކް ކުންފުނިން ހިންގާ މި އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް 10 ބިލިޔަނަށް ވުރެ ގިނަ މެސެޖު ފޮނުވޭ ކަމަށް ވަޓްސްއެޕްއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކަ އެވެ.

މަސްދަރު: މޭޝްއަބަލް