29 Feb 2016, 09:12
ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަށް ފާޑު ކިޔައި ހެދި، ޗައިނާގެ ރައްޔިތެއްގެ މައިކްރޯބްލޮގިންގް އެކައުންޓްތައް ޗައިނާ ސަރުކާރުން ބްލޮކު ކޮށްފި އެވެ.
ރެން ޒީޗިއަންގް ނަމަކަށް ކިޔާ މި މީހާގެ ވެއިބޯ ބްލޮގު އެކައުންޓްތައް ސަރުކާރުން ބްލޮކު ކުރީ، އޭނާގެ ވެއިބޯ ބްލޮގުގައި ޝާއިޢުކޮށްފައި ވަނީ މީހުންނަށް ނުބައި މަންޒަރެއް ދައްކުވައިދޭ، ގާނޫނާއި ޚިލާފު ވާހަކަތަކެއް ލިޔެފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.
އެހެން ނަމަވެސް ރެން ޒީޗިއަންގް އޭނާގެ ބްލޮގުގައި ލިޔެފައި ވަނީ، ޗައިނާގެ ދައުލަތުގެ މީޑިއާއަށް ހަރަދު ކުރަނީ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ އިން ކަމުން، އެ މީޑިއާ ޚިދުމަތް ކޮށްދޭން ޖެހޭނީ ރައްޔިތުންނަށް ކަމަށާއި ކޮމިއުނިސްޓް ޕާޓީއަށް ނޫން ކަމަށެވެ.
މި މަހުގެ ކުރީކޮޅު، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ، ކޮމިއުނިސްޓް ޕާޓީގެ ސިޔާސަތުތަކާއި އެއްގޮތާށް ޚަބަރާއި މައުލޫމާތު ފެތުރުމަށް ޗައިނާގެ ދައުލަތުގެ މީޑިއާއަށް ގޮވާލައިފަ އެވެ.
ޗައިނާއަކީ، މީޑިއާއާއި އިންޓަނެޓު ވަރަށް ބޮޑަށް ކޮންޓްރޯލުކޮށް، ސެންސަކޮށް ހެދުމުގައި ކުރީގައި އޮންނަ ގައުމެކެވެ. މިކަމަށް ޓަކައި އެގައުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަބަދާއި އަބަދު އަމާޒުވެ އެވެ.
މީގެ އިތުރުން، މުޅި ދުނިޔެ ގުޅައިދޭ ބައެއް ބޮޑެތި ވެބްސައިޓުތައް ވެސް ޗައިނާގައި ބްލޮކު ކުރެވިފައިވެ އެވެ. ވަކިން ޚާއްސަކޮށް އެމެރިކާގެ ސައިޓުތައް، މީގެ ތެރޭގައި ހިމެނެ އެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނާ ގޮތުގައި، އިންޓަނެޓުގައި ޝާއިއުކުރާ ލިޔުމުގެ މައްސަލައިގައި ޗައިނާގައި މިވަގުތު 40 އަށް ވުރެ ގިނަ ނޫސްވެރިން ތިބީ ޖަލުގަ އެވެ.