29 Feb 2016, 01:32
ޒުވާން ފޯވާޑް މާކަސް ރާޝްފޯޑް ޖަހައިދިން ދެ ލަނޑާއެކު 3-2 ލަނޑުގެ ނަތީޖާއަކުން އާސެނަލް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް އިނގިރޭސި ޕްރިމިއަ ލީގު ތާވަލުގައި ކުރިއަށް ޖެހިލައިފިއެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފްގައި ރާޝްފޯޑް ވަނީ ހަތަރު މިނިޓްތެރޭ ދެ ލަނޑު ކާމިޔާބުކޮށް އާސެނަލްގެ ޓައިޓްލް ރޭހަށް ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން އާސެނަލްގެ ޕެނަލްޓީ އޭރިޔާތެރެއިން ލިބުނު ބޯޅައެއް އެޓީމުގެ ގޯލްގެ މަތީ ކަނަކަށް ފޮނުވާލައިގެން ރާޝްފޯލްޑް އޭނާގެ ފުރަތަމަ ޕްރިމިއަލީގު ގޯލް ކާމިޔާބުކުރީ މެޗުގެ 29 ވަނަ މިނިޓްގައެވެ. އަދި ތިން މިނިޓްފަހުން، ޖެސޭ ލިންގާޑް އާސެނަލްގެ ގޯލްކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ބޮލުންޖަހައި ގޯލްތެރެއަށް ފޮނުވާލައިގެން ރާޝްފޯޑް ވަނީ، ޔުނައިޓެޑަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ.
އުމުރުން 18 އަހަރާ 120 ދުވަހުގެ ރާޝްފޯޑް ވެގެން ގޮސްފައި ވަނީ، ޕްރިމިއަލީގުގައި ޔުނައިޓެޑަށް އެންމެ ޒުވާން އުމުރުގައި ލަނޑު ޖަހައިދިން ތިންވަނަ ކުޅުންތެރިޔާއަށެވެ. ދެން އެންމެ ޒުވާން އުމުރުގައި ޔުނައިޓެޑަށް ލީގު ގޯލެއް ޖަހާދީފައި ވަނީ، ޑެނީ ވެލްބެކާއި ފެޑެރިކޯ މަކެޑާއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލްއަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ، 40 ވަނަ މިނިޓްގައި ޑެނީ ވެލްބެކް ޖަހައިދިން ލަނޑުންނެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސެޓްޕީސްއެއްގައި މެސުޓް އޮޒިލް، ޔުނައިޓެޑް ގޯލްކުރިމަށްޗަށް ހުރަސްކޮށްލި ބޯޅައެއް ބޮލުންޖަހައި ގޯލްތެރެއަސް ފޮނުވާލައިގެންނެވެ.
ރާޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 65 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ޖަހައިދިނީ އެންޑަ ހެރޭރާއެވެ. އޭގެ ހަތަރު މިނިޓް ފަހުން، މެސުޓް އޮޒިލް ލަނޑެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްދިން ނަމަވެސް، އާސެނަލަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި، މެޗު ނިމުނީ 3-2ގެ ނަތީޖާއަކުން ޔުނައިޓެޑް ތިން ޕޮއިންޓް ކަށަވަރުކޮށްގެންނެވެ.
އާސެނަލްއަށް 2004 ވަނަ އަހަރުގެ ފަހުން ލީގު ކާމިޔާބުކުރެވިފައި ނުވާއިރު، މިރޭ ޔުނައިޓެޑް އަތުން ބަލިވުމުން އެޓީމުވަނީ، 56 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތް ލެސްޓާ ސިޓީއަށްވުރެ ފަސްޕޮއިންޓު ފަރަގެއް އުފެދިފައެވެ. އެގޮތުން 51 ޕޮއިންޓާއެކު އާސެނަލް ތިންވަނައިގައި އޮތްއިރު، 54 ޕޮއިންޓާއެކު ލީގުގެ 2 ވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާއެވެ. އަދި މިރޭ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ 44 ޕޮއިންޓް ލިބިގެން މެންޗެސްޓާ ޔުނައިޓެޑް ވަނީ ތާވަލުގެ 5 ވަނައަށް ކުރިއަށް ޖެހިލައިފައެވެ.
މެންޗެސްޓާ ޔުނައިޓެޑް ގެ ދަނޑުގައި އެޓީމާ ދެކޮޅަށް އާސެނަލް އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް އާސެނަލް މޮޅުވެފައި ނުވާއިރު، ޔުނައިޓެޑް ވަނީ އޭގެ ތެރެއިން ހަތްމެޗުން މޮޅުވެފައެވެ. އިނގިރޭސި ވިލާތުގެ ޗެމްޕިއަންކަން އަލުން ހޯދަން އާސެނަލް ބޭނުންނަމަ އޯލްޑް ޓްރަފޮޑްގައި އެޓީމު މޮޅުވުން ވަރަށް މުހިއްމުކަމަށް ފާޑުކިޔާ ފަރާތްތަކުން ގަބޫލުކުރެއެވެ.
މެޗާ ބެހޭގޮތުން އާސެނަލްގެ ދުވަސްވީ ކޯޗު، އާސެން ވެންގާ ބުނީ، ކުޅުންތެރީންގެ ފަރާތުން ފެނުނު ކުޅުމާއި ކުރިމަސައްކަތް ގޯހެކޭ ނުބުނެވޭނެ ކަމަށާއި އެހެން ނަމަވެސް ނަސީބު ދެރަކަމުން މާ ފަސޭހަ ދެ ގޯލެއް ޔުނައިޓެޑުން ކާމިޔާބުކުރީ ކަމަށެވެ.