އެޕަލްގެ އައިފޯނާއި އައިޕެޑް ސެމްސަން އިން ކޮޕީކޮށްފައިވާ ކަމަށް ބުނެ އެޕަލް ކުންފުނިން ސެމަސަންގް މައްޗަށް ދައުވާކުރިތާ ހަފުތާއެއްގެ ފަހުން ސެމްސަން އިން އެޕަލް އާ ދެކޮޅަށް ދައުވާކޮށްފި އެވެ.

މިމަހުގެ 22 ވަނަ ދުވަހު ޖަޕާނާއި ޖަރުމަން އަދި ދެކުނު ކޮރެއާގެ ކޯޓްތަކަށް ސެމްސަން އިން ހުށައެޅި ދައުވާގައި ބުނެފައި ވަނީ އެޕަލް ކުންފުނިން ސެމްސަންގެ މޯބައިލް ފޯނު އުފެއްދުމުގެ 10 ޓެކްނޮލޮޖީއެއް ކޮޕީކޮށްފައިވާ ކަމަށެވެ.
މިމަހުގެ 15 ވަނަ ދުވަހު އެމެރިކާގެ ކެލިފޯނިއާގެ ކޯޓަކަށް އެޕަލް ކުންފުނިން ހުށައެޅި ދައުވާގައި ބުނެފައިވަނީ ސެމްސަން ކުންފުނިން އެޕަލްގެ އައިފޯނާއި އައިޕެޑްގެ ޑިޒައިނާއި ޔޫޒަ އިންޓަފޭސް އަދި ޕެކޭޖިން ފަދަ ކަންތައްތައް ކޮޕީކޮށްފައިވާ ކަމަށެވެ.

އެޕަލްއިން ކުރި މިދައުވާއަށް ރައްދުދެއްވަމުން ސެމްސަން ކުންފުނީގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ ސެމްސަން ކުންފުނީގެ ޑިޒައިންތަކާއި އެނޫން ވެސް ކަންތައްތަކަކީ އެ ކުންފުނިން އަމިއްލައަށް ދިރާސާކޮށްގެން ހޯދާފައިވާ ކަންތައްތައް ކަމަށެވެ.

އެޕަލް ކުންފުނިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 18.6 މިލިޔަން ސްމާޓްފޯން ވިއްކާފައި ވާއިރު ސެމްސަންއަށް ވިއްކިފައިވަނީ 13 މިލިޔަން ފޯނެވެ. ނަމަވެސް މއަހަރު ނިމެން ވާއިރަށް 60 މިލިޔަން ފޯނު ވިއްކުމަށް ސެމްސަން އިން ދަނީ މަސައްކަތްކުރަމުންނެވެ.

އެޕަލްއާއި ސެމްސަން އިން އެއްކުންފުނި އަނެއް ކުންފުންޏާ ދެކޮޅަށް ދައުވާ އުފުލި ނަމަވެސް އެ ދެކުންފުނީގެ ދެމެދުގައި މިދިޔަ އަހަރު އެކަނި ވެސް 5.7 ބިލިޔަން ޑޮލަރުގެ ވިޔަފާރިކޮށްފައި ވެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ މަޝްހޫރު ސްމާޓްފޯން ކަމަށްވާ ސެމްސަންގެ ގެލެކްސީ ފޯނުގެ އާ ވާޝަން އެއް އަންނަ ހަފުތާގައި ބާޒާރަށް ނެރުމަށް އެކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.