މާލެއާ ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުން، އެ ސަރަހައްދުގައި ރާޅާއަޅާ ފަރާތްތަކަށް ކުރިމަތިވާނޭ މައްސަލަތަކަށް ހައްލެއް ހޯދައިދެއްވާނޭކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް، ބޭނުންވާ ސާމާނު މާލެ ގެނެސް، މިހާރު އެ މަސައްކަތަށް މާލޭ އިރުމަތީ ފަރާތު ރާޅުގަނޑު ސަރަހައްދު ބަންދުކޮށްގެން ތައްޔާރުކުރަމުން ދާއިރު، ބްރިޖް މަޝްރޫއާ ގުޅިގެން މަޝްހޫރު ވަރުނުލާ ރާޅުގަނޑު ނެތި ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރާޅާއަޅާ ފަރާތްތަކުން ދަނީ ޝުއޫރުފާޅުކުރަމުންނެވެ.

އެގޮތުން މޯލްޑިވްސް ސާފިން އެސޯސިއޭޝަނާއި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާޅުގަނޑު ސަރަހައްދުގައި ދަނީ، "ސޭވް ދަ ވޭވްސް"ގެ ނަމުގައި އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި ޝުއޫރުފާޅުކޮށް އަޑުއުފުލަމުންނެވެ.

ރާއްޖޭގެ ރާޅާއެޅުންތެރީން ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ޝުއޫރު ފާޅުކުރަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ، މި ރާޅުގަނޑު ހަލާކުވެއްޖިއްޔާ އަޅުގަނޑުމެންގެ މުސްތަގުބަލް ދިޔައީއޭ. މި ކުޅިވަރު ކުރިއަރުވަން ތިބި ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކޭ މިއީ. މިތަނުގައި ރާޅާއަޅަން ދަސްކޮށްފައި، ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ވާދަކުރުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް. ސަބަބަކީ މިފަދަ ރާޅު ނަގާ ތަންތަން ދުނިޔޭގެ ނިސްބަތުން ވެސް މަދު. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެބަ އާދޭ އެތަކެއް ހާސް ޑޮލަރު ޚަރަދުކޮށްފައި މި ރާޅުގަނޑަށް ރާޅާއަޅަން،" ރާޅާއެޅުމަކީ ރާއްޖޭގެ ފަތުރުވެރިކަމާވެސް ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ މުޙިއްމު ކުޅިވަރެއްކަން ފާހަގަކުރަމުން، އެކުޅިވަރުން ރާއްޖެއަށް ގޯލްޑް މެޑަލް ހޯދައިދީފައިވާ އަލީ ޚުޝްރުވާން (ކުޑައައްޔަ) ބުންޏެވެ.

ރާއްޖޭގެ ރާޅާއެޅުންތެރީން ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ޝުއޫރު ފާޅުކުރަނީ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ރައީސް އަހްމަދު އަޒްމީލް (އަޖޭ) ވިދާޅުވީ، ރާޅުގަނޑު ސަރަހައްދުގައި ރާޅާއަޅާ ފަރާތްތަކުން ޝޫއޫރު ފާޅުކުރަމުން ދަނީ، ބްރިޖްގެ މަޝްރޫއު ފެށުމުން، އެ ސަރަހައްދުގައި ރާޅާއަޅާ ފަރާތްތަކަށް ކުރިމަތިވާނެ ދަތިތަކާއި، އަދި އެ މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ނަގާ ރާޅުތައް ގެއްލިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން އޮތުމުން ކަމަށެވެ.

"މިކަމުގައި އަޅުގަނޑުމެންނަށް އެދެވޭ ޖަވާބެއް ކަމާގުޅޭ ފަރާތްތަކުން ނުލިބުން މައްސަލައަކީ. އަޅުގަނޑުމެން އެބަ ބޭނުންވޭ، ބްރިޖް މަޝްރޫއު ނިމިގެންދާއިރު، މި ރާޅުގަނޑު ހަލާކު ނުވެ އޮންނާނޭކަމުގެ ޔަގީންކަން،" އަޖޭ ވިދާޅުވިއެވެ.

މިކަމާގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބްރިޖް މަޝްރޫޢާ ގުޅިގެން ރާޅާއަޅާކުދިންނަށް ދިމާވެދާނެ ދަތިތައް ހައްލުކޮށްދިނުމަށް، އެފަރާތަކާއެކު ހައުސިން މިނިސްޓްރީން މަޝްވަރާތަކެއްކޮށް އެކަންކަން ވަރަށް ގާތުން ބަލަމުންއަންނަ ކަމަށެވެ.

"އަޅުގަނޑުމެން އެކުދިންނާ ވަރަށް ގާތުން ވަރަށް ރަނގަޅަށް ވާހަކަދައްކަމުން މި އަންނަނީ. އަޅުގަނޑުމެން ދަންނަވާފައި ވާނީ، ބްރިޖް މަޝްރޫއުގެ ވަކި ހިސާބަކުން އެތަން ބޭނުން ނުކުރެވޭނޭ. އެހެންވެ، މަޝްރޫއު ނިމެންދެން، މާލެއާ ދުރުނޫން އެހެން ސަރަހައްދަކުން އެކުދިންނަށް ރާޅާއެޅޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައި ދޭނަމޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ރާޅާއެޅުންތެރީން ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ޝުއޫރު ފާޅުކުރަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ، ސާރފިންއަކީ، ރާއްޖޭގެ ފަތުރުވެރިކަމާވެސް ގުޅިފައިވާ، އަދި ޒުވާނުންގެ މެދުގައި މަގުބޫލު ކުރިއަރަމުން އަންނަ ކުޅިވަރަކަށް ވުމުން، އެ މިނިސްޓްރީން ކަމާގުޅޭ އެހެން ވުޒާރާތަކާ ގުޅިގެން ރާޅާއަޅާ ފަރާތްތަކަށް، ކަންކަން ހައްލުކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ބްރިޖްގެ މަޝްރޫއާ ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތަކުގެ އަލީގައި އެ މަސައްކަތް ނިމޭއިރު، ރާޅުގަނޑު ސަރަހައްދަށް އެއްވެސް ގެއްލުމެއް ނުލިބި، ރާޅާއަޅާ ފަރާތްތަކަށް އެތަން ބޭނުންކުރެވޭނޭ ކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެކުދިންނާ އަޅުގަނޑުމެންގެ މިނިސްޓްރީގެ ފަރާތުން ބައްދަލުކޮށް، ހުރިހާ ވާހަކައެއް ވަރަށް ރަނގަޅަށް ކިޔާދީފައި ވާނީ. އަދި އެކުދިން ދިޔައީ ހުރިހާ ކަމެއް ހައްލުކޮށްގެން. އެހެން ނަމަވެސް މިހާރު މިފެންނަނީ ސިޔާސީ ވިސްނުމެއްގައި ބަޔަކު މީގެތެރެއަށް ވަދެގެން އުޅޭފަދަ މަންޒަރެއް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ނޮވެމްބަރ 8، 2015: މާލެ - ހުޅުމާލެ ބްރިޖްގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހައުސިން މިނިސްޓްރީގައި ބޭއްވި ހަފްލާގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ-- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ، ބްރިޖްގެ މަސައްކަތް ކުރިއަށްދާތީ، އިދިކޮޅު ސިޔާސީ ފަރާތްތަކުން ރައްޔިތުންނަށް ގެއްލުން ދިނުމުގެ ގޮތުން ރައްޔިތުންނާ ދެކޮޅަށް ތަފާތު ހަރާކާތްތައް ހިންގަމުންދާ ކަމަށާއި އެހެން ނަމަވެސް، ދިވެހި ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ހިންގާ މަޝްރޫއުތައް މަޑުޖެހުމެއް ނެތި މި ސަރުކާރުން ކުރިއަށް ގެންދާނެކަމަށެވެ.

ސާފިން އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ، ރާޅާއަޅާ ފަރާތްތަކުން ޝުއޫރު ފާޅުކުރަމުން ދަނީ އެކަމުގައި ސިޔާސީ އެއްވެސް ކުލަވަރެއް ޖެހިގެން ނޫންކަމަށާއި، އަދި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން އެކަމުގައި ކުރިއަށް ދިއުމަށް އެމްއެސްއޭއާއި އެމްބީބީއޭ ތައްޔާރަށް އޮތްކަމަށެވެ. އަދި ގައުމީ ތަރައްގީގެ މަޝްރޫއަކަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ރާއްޖޭގެ ރާޅާއެޅުންތެރީންގެ ފަރާތުން ފެނިގެން ނުދާނޭ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލެ-ހުޅުލެ ބްރިޖުގެ ކުރެހުމެއް: މި މަޝްރޫޢުގެ ސަބަބުން، ރާޅުގަނޑު ސަރަހައްދުން ނަގާ ރާޅުތައް ގެއްލިގެން ނުދާނޭ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި -- ފައިލް ފޮޓޯ

"މިކަމުގައި އަމަލީގޮތުން ކުރިއަށްދާތަން އަޅުގަނޑުމެންނަށް ނުފެންނަނީ. ޒާތީގޮތުން ޖައްސާލައިގެން އެއްގޮތަކަށް ވެސް އެކަން ކުރާކަަށް އަޅުގަނޑުމެން ބޭނުންމެއްވެސް ނޫން. އަޅުގަނޑުމެން މިއެދެނީ ކަމާގުޅޭ ފަރާތްތަކުން އަޅުގަނޑުމެންނަށް ފެކްޓްސް ދައްކަވައިދެއްވާށޭ، ރާޅުގަނޑު ސަލާމަތްކުރެވޭނެ ކަމަށް އެބޭފުޅުން އެވިދާޅުވާ ވާހަކަތަކަށް ބާރުލިބިދޭ،" އެމްއެސްއޭގެ ރައީސް ވިދާޅުވިއެވެ.