28 Feb 2016, 19:18
ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) އަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝައިޚު ޢަބުދުﷲ ބިން ޒާއިދު އަލް ނަޙުޔާންއާއި ބައްދަލުކުރައްވައިފިއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީގައި މިއަދު އޮތް އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ދުންޔާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ޔޫއޭއީގެ ރައީސް އަދި އަބޫދާބީގެ ވެރިޔާ ޝައިޚު ޚަލީފާ ބިން ޒައިދު އަލް ނަޙުޔާނަށް ފޮނުއްވި ސިޓީފުޅެއް ޔޫއޭއީގެ ފޮރިން މިނިސްޓަރާ ހަވާލުކުރައްވާފައެވެ. އަދި އެކަމަނާ ޔޫއޭއީއަށް ވަޑައިގެންނެވުމުން އެގައުމުގެ ސަރުކާރުން އަދާކުރެއްވި މެހުމާންދާރީއަށް ޓަކައި ޢަބުދުﷲ ބިން ޒާއިދަށް ދުންޔާ ޝުކުރުއަދާކުރެއްވިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން ދުންޔާއާއި ޢަބުދުﷲ މަޝްވަރާކުރެއްވި ކަމަށެވެ.
ޔޫއޭއީއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެސިޑެންޝަލް އެމްބެސެޑަރު ޢަބުދުﷲ ޙަމީދާއި ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގު ވެސް އެ ބައްދަލުވުގައި ބައިވެރިވެވަޑައިގެންނެވިއެވެ.