28 Feb 2016, 20:07
ކަމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ ވާދައިގެ ތަށްޓަށް ކުޅޭ ފުރަތަމަ ސީޖީ އޯޕަން އެއިޓްބޯލް ބިލިއަރޑް ޓޯނަމަންޓް މިއަދު ފަށައިފި އެވެ.
އެ މުބާރާތް ހުޅުއްވައިދެއްވީ ކަމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނެއިދު އެވެ.
ކަސްޓަމްސް ރިކްރިއޭޝަން ކްލަބު (ސީއާރުސީ) ގެ ފަރާތުން އިންތިޒާމުކޮށްގެން މިއަދުން ފެށިގެން މާރިޗު މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ އެމުބާރާތުގައި ތަފާތު ދެ ޑިވިޒަނަކުން ޖުމްލަ 62 އޮފިސަރުން ބައިވެރިވެއެވެ. އެއީ ފުރަތަމަ ޑިވިޒަންގައި 22 އަދި ދެވަނަ ޑިވިޒަންގައި 42 އޮފިސަރުންނެވެ.
އެމުބާރާތުގެ މަގްސަދަކީ ކަސްޓަމްސް މުވައްޒަފުންގެ މެދުގައި ބިލިއާޑުގެ ޝައުގުވެރިކަން އިތުރުކޮށް ކުޅުންތެރިން އުފެއްދުމާއި، މުވައްޒަފުންގެ މެދުގައި އެކުރެވިކަމާއި އެއްބައިވަންތަކަން އާލާކުރުން ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.
މުބާރާތް ހުޅުއްވައިދެއްވުމުގެ ގޮތުން ސީއާރުސީ ގެ ޗެއާމަން އަދި ކަމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނެއިދު ވިދާޅުވީ، ކަސްޓަމްސް ފަދަ މުހިއްމު އަދި ބުރަ ގާނޫނީ ޒިންމާ ތަކެއް އަދާކުރާ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުން މުހިންމު ކަމަށެވެ.
އެގޮތުން މުވައްޒަފުންގެ މެދުގައި މިހާރުވެސް އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ބާރުއެޅުއްވުމަށް ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރެއްވި އެވެ.