28 Feb 2016, 19:14
ރާއްޖޭގައި އުފައްދައި ބާޒާރަށް ވިއްކަން ނެރޭ "މިނެރަލް ވޯޓާ" ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ނެރޭނެ ދުވަހަކަށް އުންމީދު ކުރައްވާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ތާޒާ ފެން އުފައްދާ އާބޮޓްލިން ލައިނެއްގާއިމް ކުރުމަށް މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޕްލާސްޓިކް ފުޅިން ތިމާވެއްޓަށް ދިމާވަމުން އަންނަ މައްސަލަތައް ފާހަގަކުރައްވައި މިނިސްޓަރު ތޯރިގު ވިދާޅުވީ، ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރިފުޅީގައި ފެން ބަންދުކޮށް ނެރޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުވަރަށް ދެކޭހިތްވޭ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރިފުޅީގައި ފެން ބަންދު ކުރެވިގެން އެ ބިއްލޫރިފުޅީގައި ފެން ލިބޭނޭ ދުވަހެއް. ހާއްސަކޮށް މާލޭގެ މާކެޓަށާއި ޕްރިމިއަން މާކެޓްތަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފެންފުޅިތައް ރަނގަޅު ގޮތުގައި އުކާލާތޯބެލުމުގެ ޒިންމާ ނެގުމަށް ފެން އުފައްދާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
ޕްލާސްޓިކް ފުޅީގެ ސަބަބުން ރަށްތަކާއި ފަޅުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށާއި އެއީ ޓޫރިޒަމަށް އަސަރުކޮށް އިގްތިސާދަށް މައްސަލަ ދިމާވާނެ ކަންތައްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ތިމާވެށީގެ ގޮތުން އެންމެބޮޑަށް ދިމާވާ އެއް މައްސަލައަކީ ފެންފުޅިތައް ރާއްޖޭގެ ގޮނޑުދޮށްތަކުގަޔާއި އަދި މަގުތަކަށް އުކާލެވިފައި ހުންނަ މައްސަލަ،" މިނިސްޓަރު ވިދާޅުވިއެވެ.
ހުސްފުޅި އުކާލާފައި ހުރުމުން އޭގެތެރޭގައި މަދިރި އާލާވުމުގެ މައްސަލަ ދިމާވަމުން އަންނަ ކަންވެސް މިނިސްތަރު ތޯރިގު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރުގެ ވާހަކަފުޅަށް ފަހު ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ވިދާޅުވީ، އެކުންފުނިން އުފައްދާ ތާޒާ ފެނުގެ ފުޅިތައް ދެ ވަނަ ފަހަރަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.