އައިލެންޑް ބެވެރޭޖާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އުފައްދާތާޒާމިނެރަލް ވޯޓާގެ 5 ލީޓަރު ފުޅިއަށް ހާއްސަކޮށްގެން ގަޑިއަކު 4000 ފުޅި ފެން އުފެއްދުމުގެ ގާބިލްކަން ހުރިހައިކެޕޭސިޓީ ބޮޓްލިންގ ލައިނެއްއެ ކުންފުނިން މިއަދު ތައާރަފްކޮށްފިއެވެ.

ފެންބިލްޑިންގުގައި ގާއިމްކޮށްފައިވާ ފެން އުފައްދާ އެލައިން އިފްތިތާހު ކޮށްދެއްވާފައިވަނީ އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމްއެވެ. މިއީ މިނެރަލް ފެން އުފެއްދުމަށް ރާއްޖޭގައި ބޭނުންކުރާ އެންމެ ބޮޑު ބޮޓްލިން ލައިނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވަނީ އައިލެންޑް ބެވެރޭޖާސް އިން ހޯދަމުން އަންނަ ކާމިޔާބީތައް ފާހަގަކޮށްފައެވެ. އެއާއެކު ސަރުކާރުން އައިލެންޑް ބެވެރޭޖާސްގެ މައި ކުންފުނި އެމްޑަބްލިޔުއެސްސީއަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވިދާޅުވިއެވެ.

މިއަދު ތައާރަފްކުރިހައިކެޕޭސިޓީ ބޮޓްލިންގ ލައިނާގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ވިދާޅުވީ، މިއަދު ތައާރަފްކުރެވިގެންދިޔަ ލައިނާއެކު ތާޒާ ފެނުގެ ފަސް ލީޓަރުފުޅީގައި ފެން އުފެއްދުމުގެ ކެޕޭސިޓީ ބޮޑުވެގެންދާނެ ކަމަށެވެ.

އައިލެންޑް ބެވެރޭޖާސްގެ ތަރައްގީގެ މަސައްކަތްތަކަށް އަލިއަޅުވާލައި ފަޒުލް ވިދާޅުވީ، ކުޅުދުއްފުށީގައި އެކުންފުނީގެ ފެން އުފައްދާ ލައިނެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ރަށްރަށުގައި މޯބައިލް ޕްލާންޓުތަކެއް ގާއިމް ކުރުމުގެ ވިސްނުންގެންގުޅޭ ކަމަށެވެ.

ކައިރި ހިސާބުތަކަށް ފެން ގެންގޮސްދިނުމުގެ ހިދުމަތް ދިނުމަށް މަަސައްކަތް ކުރަމުންދާއިރު ކަނޑުގެ 800 ކިލޯމީޓަރު އަޑިން ފެން ނަގައި އެފެން މިނަރަލް ފެނަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފަޒުލް ވިދާޅުވިއެވެ.

އައިލެންޑް ބެވެރޭޖާސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝިފާގު ވިދާޅުވީ، އެ ކުންފުނީގެ އުންމީދަކީ، އަލަށް ފެށުނު މަޝްރޫއުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ތާޒާ ފެން ފޯރުކޮށްދެވި މުޖުތަމައަށް އިތުރު ލާބައާއި މަންފާ ލިބިގެން ދާނޭ ކަމަށެވެ.

"މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެޔޮއަގުގައި ފަސޭހަކަމާއެކު މިނެރަލައިޒްޑް ބޯފެން ފޯރުކޮށްދިނުން. މިކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތު އިތުރުވެ، ރަނގަޅު ގޮތުގައި ކުންފުނީގެ ވަސީލަތްތައް ބޭނުން ހިފިގެން ދާނެ،" ޝިފާގު ވިދާޅުވިއެވެ.