28 Feb 2016, 18:31
ހަތް ދާއިރާއަކުން ވާދަ ކުރެވޭ ގޮތަށް، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މާޗް މަހު އެކެއްގައި ހުޅުވާލާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.
ދައުލަތުގެ ވުޒާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ މީޑިއާގެ ވަސީލަތެއްގައި މަސައްކަތްކުރާ ކޮންމެ ނޫސްވެރިއަކަށް ވެސް އެ އިނާމަށް ކުރިމަތިލެވޭނެ އެވެ.
މިއަހަރު އިނާމަށް ނަން ހުށަހަޅަން ހުޅުވާލާފައިވާ ހަތް ދާއިރާއަކީ އިޖްތިމާއީ ދާއިރާ އާއި ސިޔާސީ ދާއިރާ އާއި ކޯޓާއި ޝަރުއީ ދާއިރާ އާއި ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާގެ އިތުރުން ކުޅިވަރުގެ ދާއިރާ އަދި ފޮޓޯ ޖާނަލިޒަމް އާއި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިންނެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ އަމިއްލަ ފަރުދަކަށް ނުވަތަ މުއައްސަސާއަކަށް ވެސް ނޫސްވެރިއެއްގެ ނަން އެ އިނާމަށް ހުށަހެޅޭނެ ކަމަށެވެ. އިނާމަށް ނަން ހުށަހަޅާނީ "ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމް 2015" ފުރިހަމަކުރުމަށް ފަހުގައި ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މީޑިއާ ކައުންސިލުން ބުނީ އިނާމަށް ނަން ހުށަހަޅާ ފޯމާއި، އިނާމުދޭ ގަވާއިދާއި މާކްސް ދިނުމުގައި ބަލާނެ މައިގަނޑު މިންގަނޑުތައް އެކުލެވޭ ޖަދުވަލު އެކެއް އަދި ޖަދުވަލު ދޭއް އެ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.