ބޮލީވުޑްގެ މަޝްހޫރު "ފެޝަނިސްޓާ" ސޯނަމް ކަޕޫރު މޮޅެތި ފިލްމުތަކެއް ކުޅުނު ނަމަވެސް، އޭނާގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބެ އެވެ. އެހެންނަމަވެސް، އޭނާ އެންމެ ފަހުން ކުޅުނު "ނީރްޖާ" އަށް ވަނީ އުއްމީދު ނުކުރާ ވަރުގެ ކާމިޔާބީއެއް ލިބިފަ އެވެ.

އެގޮތުން މި މަހުގެ 19 ވަނަ ދުވަހު ރިލީޒް ކުރި އެ ފިލްމަށް މިހާތަނަށް އައި އިރު 43.47 ކުރޯޑު ރުޕީސް ލިބިފައިވެ އެވެ. އެހެންކަމުން ދެ ތިން ދުވަހެއްގެ ތެރޭގައި އެ ފިލްމަށް 50 ކުރޯޑު ލިބޭނެ ކަމަށް ބެލެވެ އެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ނީރްޖާ"، މިހާތަނަށް އައި އިރު އިންޑިއާގެ 671 ސްކްރީނެއްގައި އަޅުވާފައިވެ އެވެ. އަދި އެފިލްމަށް ވަރަށް ގިނަ ފަރާތްތަކުގެ ތައުރީފު ވެސް ލިބިފައިވެ އެވެ.

ހާއްސަކޮށް ސޯނަމް އެ ފިލްމުގައި އަދާކޮށްފައިވާ ރޯލަށް ގިނަ ބައެއްގެ ތައުރީފު އޭނާ އަށް ދަނީ އޮހެމުންނެވެ. ސޯނަމް، "ނީރްޖާ"ގެ ރޯލު އަދާކުރުމަށް ވަރަށް މަސައްކަތް ކޮށްފައިވާ އިރު، އެއީ މިހާތަނަށް ސޯނަމްގެ ފަރާތުން ފެނުނު އެންމެ މޮޅު އެކްޓިންގު ކަމަށް ފިލްމު ބެލި ގިނަ ފަރާތްތަކަކުން އަންނަނީ ބުނަމުންނެވެ.