މާލެއާއި ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތަށް ހެންވޭރުކޮޅު ރާޅުގަނޑު ސަރަހައްދުގައި ފެންސް ޖަހައިފިއެވެ.

ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ޗައިނާގެ ސީސީސީސީގެ މުވައްޒަފުން ވަނީ ޓަސްކަލޫސާ ކުރިމައްޗަށް ވާގޮތަށް އޮންނަ ސަރަހައްދުގައި ނޫ ކުލައިގެ ފެންސުތަކެއް ޖަހާފައެވެ. އަދި އެ ފެންސްތަކުގައި ބްރިޖުގެ މަންޒަރުތައް ދައްކުވައިދޭ ޕޯސްޓަރުތަކެއް ހަރު ކުރުމުގެ މަސައްކަތްވެސް އެ ކުންފުނީގެ މުވައްޒަފުން އަންނަނީ ކުރަމުންނެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތަށް ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ފެންސް ޖެހުން --- ސަން/ފޮޓޯ: ފަޒްލީނާ ހުސައިން

ބްރިޖުގެ މަސައްކަތަށް ބޭނުންވާ 100 މީޓަރުގެ ދެބާޖާއި ޓަގު އަދި ދެ ފްލޯޓިން ވެސެލް ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ގެނެސްފައެވެ. އަދި މިހާތަނަށް ބްރިޖުގެ މަސައްކަތަށް 17 ކޮންޓެއިނަރުގެ ތަކެތި ރާއްޖެ ގެނެސް ރާޅުގަނޑަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތަށް ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ފެންސް ޖެހުން --- ސަން/ފޮޓޯ: ފަޒްލީނާ ހުސައިން

ބްރިޖު އެޅުމުގެ މަސައްކަތް މިހާރު ފަށާފައި ވާ އިރު، 1.39 ކިލޯ މީޓަރު ހުންނަ އެ ބްރިޖްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018ގައި ބްރިޖްގެ މަސައްކަތް މުޅިން ނިންމައިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.