25 Apr 2011, 08:38
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، )ޑަބްލިއުއެޗްއޯ( ބުނާ ގޮތުން ނަމަ 1990ގެ އަހަރުތަކުގައި ސިއްހީ ހިދުމަތް ދިނުމުގެ ސްޓްރެޓެޖިކް ޕްލޭންތަކާއެކު އަމިއްލަ ޖަމާއަތްތަކާއި ސަރުކާރުތައް ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މެލޭރިއާ ފެތުރޭ މިންވަރު ދަށަށް ދިޔައެވެ. ބަންގްލަދޭހާއި ތައިލެންޑް ފަދަ ގައުމުތަކުގައި މެލޭރިޔާ މަދު ސަހަރުތަކެއްގައި ނޫނީ ނޯންނަ ވަރަށް ކޮންޓްރޯލް ކުރެވުނެވެ. ސްރީ ލަންކާއާއި އިންޑިޔާގައި މެލޭރިއާ ކޮންޓްރޯލް ކޮށްލެވުނު ވަރުން އެ ގައުމުތަކުން މަސައްކަތް ފެށީ އެ ބަލި މުޅިން ނައްތާލުމަށެވެ.
މަދިރީގެ ސަބަބުން ޖައްސާ ބަލި ދިވެހިރާއްޖޭގައި އެބަލި މުޅިން ކޮންޓްރޯލް ކުރެވިފައި ވާތީ މިހާރު މަސައްކަތް ކުރަމުން ދަނީ ބޭރުން އެތެރެވާ އެ ބަލީގެ މީހުންނަށް ފަރުވާދޭށެވެ. މިހެން ކަން އޮތަސް ހިޖުރަކުރާ މީހުންނާއި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން މެލޭރިއާ އަލުން ފެތުރެން ފަށާފާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ ދެއެވެ.
ދުނިޔޭގެ މެލޭރިއާ ދުވަހާ ދިމާކޮށް ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނުގައިވާ ގޮތުގައި މެލޭރިޔާއަށް ދޭ އެންމެ ރަނގަޅު ބޭސްކަމަށްވާ އާޓެމިސިނިންގެ މައްޗަށް ބަލީގެ ޖަރާސީމު ހޭނި، ބޭހަށް ނުގުޑުމުގެ މައްސަލަ ފެންމަތިވެ މެލޭރިޔާ ކޮންޓްރޯލް ކޮށްފައި އޮތް އޮތުމަށް މިހާރު ވަނީ ނުރައްކާ ވެފަ އެވެ.
ތައިލެންޑާއި މިޔަންމާ އަދި ތައިލެންޑާއި ކެމްބޯޑިޔާ ގުޅޭ ސަރަހައްދީ ރޮނގުގައި މެލޭރިޔާ ބަލީގެ ޖަރާސީމް ބޭހަށް ދިރި، ނުގުޑުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އޭގެ ސަބަބުން އެ ގައުމުތަކާއި މުޅި ދުނިޔެ ވެސް މިވަގުތު ގަބޫލު ކުރަނީ މެލޭރިޔާ ކޮންޓްރޯލް ކޮށްފައި އޮތް އޮތުމަށް ނުރައްކާވެއްޖެ ކަމަށެވެ.
މެލޭރިއާއަށް ފަރުވާކުރަން ބޭނުންކުރާ އާޓިމިސިނިން ރަނގަޅުގޮތުގައި ބޭނުން ކުރުމަށް ޑަބްލިއުއެޗްއޯއިން ބާރު އަޅަ އެވެ. އަދި އެކަމުގައި ޖަމާއަތުގެ ސިއްހީއެހިތެރިންގެ ދައުރުގެ މުހިއްމުކަން ވެސް އެޖަމިއްޔާއިން ފާހަގަ ކުރެ އެވެ. ހަމައެއާއެކު މެލޭރިޔާގެ ޖަރާސީމު ބޭހަށް ނުގުޑުމުގެ މައްސަލަ ދުނިޔޭގެ އިތުރު ހިސާބުތަކަށް ފެތުރުނަ ނުދިނުމަށް ދުނިޔޭގެ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ގުޅިގެން މަސައްކަތްތައް ވެސް ކުރަމުންނެވެ.
ޑަބްލިޔުއެޗްއޯއިން ބުނީ ދެކުނުއިރުމަތީ އޭޝިޔާ ސަރަހައްދުގެ އާބާދީގެ 70 ޕަސެންޓް މީހުނަށް މެލޭރިޔާ ބަލިޖެހުމުގެ ނުރައްކަލުގެ ތެރޭގައިވާ ކަމަށާއި 2009 ވަނަ އަހަރު އެ ސަރަހައްދުގައި 28 މިލިޔަނާއި 41 މިލިޔަނާ ދެމެދުގެ އަދަދެއްގެ މީހުންނަށް މެލޭރިއާ ޖެހިގެން ރެކޯޑްކޮށްފައި ވާއިރު 49000 މީހުން އެބަލީގައި މަރުވި ކަމަށެވެ. އިންސާނީ އަދި އިގުތިސާދީ ބޮޑު ބުރައަކަށް މިކަން ވެފައި ވަނީ ބަލިޖެހޭ މީހުންގެ ބޮޑު ބަޔަކީ އުމުރުން 15 އަހަރުން މަތީގެ މީހުން ކަމަށް ވުމުން ކަމަށް ވެސް ބަޔާން ބުނެ އެވެ.
ދެހާސް ނުވަ ވަނަ އަހަރު ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުން މެލޭރިއާ ޖެހުނު މީހުންނާއި މަރުވިމީހުންގެ 94 ޕަސެންޓް މީހުން ނިސްބަތް ވަނީ އިންޑިޔާއަށެވެ.
ދުނިޔޭގެ މެލޭރިޔާ ދުވަހަކީ އޭޕްރީލް 25 އެވެ.