އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގައި ގާބިލުކަން އިތުރު ކުރުމަށް އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި މޯލްޑިވް ގޭސް ލިމިޓެޑުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސިޓްރޯން ރެސްޓޯރެންޓްގައި އެކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ގޭސް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޢަބުދުﷲ މައުމޫނެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމާންޑަރު ކާނަލް ޢަބުދުﷲ ޒުހުރީ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވް ގޭސް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ޢަބުދުﷲ މައުމޫނު ވިދާޅުވީ ގޭސް ގެންގުޅުމަކީ އަލިފާނުގެ ހާދިސާތައް ހިނގުމުގެ ނުރައްކާ ބޮޑު ކަމަކަށްވާތީ އެކަހަލަ ކަންތައްތައް މޮނިޓާ ކުރެވޭ ވަރުގެ މުއައްސަސާއެއްގެ އެހީތެރިކަން ހޯދުމަކީ އެއްބަސްވުމުގައި ސޮއިކުރި މައިގަނޑު މަގުސަދު ކަމަށެވެ.

"އެމްއެންޑީއެފް ކަހަލަ މިކަހަލަ ކަންކަން މޮނިޓާކޮށް ބެލޭ ވަރުގެ ބޮޑު މުއައްސަސާއަކާ ގުޅިގެން މި ކަންތައްތައް ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ އަޅުގަނޑުމެންނަށް ވެސް އޭގެ ފައިދާ ލިބުން. އަޅުގަނޑުމެންގެ މުވައްޒަފުންނަށް އެކަމުގެ ސަބަބުން ލިބޭ ފައިދާ ވަރަށް ބޮޑުވާނެ. ދެން ހަމައެއާ އެއްކޮށް، މީގެ ކަންތައްތައް ރަނގަޅުކުރުމަށް ޓަކައި ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން މޯލްޑިވް ގޭސް ލިމިޓެޑަށް ކޮށްދޭނެ ކަންތައްތަކަކީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވެ ތިބުމަށް ބަލަން ޖެހޭ ކަންތައްތައް ބެލުމާއި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ޓެކްނިކަލް ގޮތުން އެހީތެރިވުމެވެ.