28 Feb 2016, 15:36
ތ. ވިލުފުށި ތާރު އެޅުމަށް ހަމަޖެހިފައިވާ ހުރިހާ މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފި އެވެ.
ތާރު އެޅުމަށް ބޭނުން ކުރާ މެޝިނު ހަލާކުވުމުގެ ސަބަބުން ތ. ވިލުފުށި މަގުތަކުގައި ތާރު އެޅުމަށް ނިންމަން ކަނޑައެޅި ދުވަހަށް މަސައްކަތް ނިންމައެއް ނުލެވުނެވެ.
އެމްއާރްޑީސީގެ ވިލުފުށީ ސައިޓް މެނޭޖަރު މުހައްމަދު ނާއިލް "ސަން"އަށް މިއަދު ވިދާޅުވީ ވިލުފުށި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލެވުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކުރެވެމުން ދަނީ، މެޝިނު ހަލާކުވުމުގެ ސަބަބުން ތާރު އެޅުމުގެ މަސައްކަތް ކުރިން ނިންމާލެވުނު މަގުތަކުގެ ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

ވިލުފުށީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ--
"މިހާރު ހުރިހާ މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލެވިއްޖެ. ކުރިން އަޅުގަނޑު ވިދާޅުވިން ދެއްތޯ މެޝިނު ހަލާކުވެގެނެ ދެތިން މަގެއްގެ މަސައްކަތް ނުނިމި ހުރި ވާހަކަ. އެ މަސައްކަތް ވެސް ނިންމާލެވިއްޖެ. މިހާރު ކުރެވެމުން ދަނީ އެ މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުމުގެ މަސައްކަތް." ނާއިލް ވިދާޅުވި އެވެ.
ވިލުފުށި ނުވަ މަގެއްގައި ތާރު އެޅުމުގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކޮށްފައި ވަނީ 60 މިލިއަން ރުފިޔާ އަށެވެ. އެ ރަށުގެ އިތުރު ތިން މަގެއްގައި ތާރު އެޅުމަށް ސަރުކާރުން ފަހުން ނިންމިފ އެވެ.

ވިލުފުށީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ--
ވިލުފުށީ 4.22 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް، އޮގަސްޓް 5، 2013، އިފްތިތާހުކޮށްދެއްވީ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެ މަސައްކަތް އެމްއާރްޑީސީއާ ހަވާލު ކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ވަނީ ހޭދަވެފަ އެވެ.