28 Feb 2016, 15:21
ބިދޭސީ މަސައްކަތްތެރިން މިދިޔަ އަހަރު ރާއްޖެ އިން ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެމީހުންގެ ގައުމުތަކަށް ފޮނުވާފައިވާކަން ހާމަވެއްޖެ އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ވަނީ މިދިޔަ އަހަރު ތެރޭގައި 355 މިލިއަން ޑޮލަރު ނުވަތަ 5.47 ބިލިއަން ރުފިޔާ ރާއްޖެ އިން ބޭރަށް ފޮނުވައިފަ އެވެ.
އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސް ހިސާބްތަކަށް ބަލާ އިރު ރާއްޖޭގައި 135،000 އަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި ދަނީ މަސައްކަތް ކުރަމުންނެވެ.
ބިދޭސީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ރާއްޖެ އިން ބޭރަށް ފޮނުވާ ފައިސާ އިން ތިން ޕަސެންޓްގެ ފީއެއް ނެގުމަށް މިހާރު ވަނީ ސަރުކާރުން ނިންމައިފަ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވިދާޅުވީ ރާއްޖޭގައި 135000 ބިދޭސީން ހަރަކާތްތެރިވާ އިރު އަހަރެއްގެ މައްޗަށް 408 މިލިއަން ޑޮލަރު ރާއްޖެ އިން ބޭރުވާ ކަމަށެވެ.
ބިދޭސީންގެ 80 ޕަސެންޓް މުވައްޒަފުންގެ މުސާރައަކީ 250 ޑޮލަރަށް ވުރެ ކުޑަ މުސާރައަކަށްވާ އިރު ތިން ޕަސެންޓްގެ އެފީއަކީ ކުޑަ ފީއެއް ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ބިދޭސީންގެ އަތުން ނަގާ އެފީގެ ސަބަބުން މި އަހަރު ދައުލަތުގެ ބަޖެޓަށް 56 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.