28 Feb 2016, 15:18
މުނިފޫހި ފިލުވުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ޗެނަލް، "ވައި ޓީވީ"ގެ ހިދުމަތް މިއަދު ފަށައިފި އެވެ.
މިއަދު ރަސްމީކޮށް ފެށި "ވައި ޓީވީ" އާ ގުޅޭ ގޮތުން "ސަން" އާ ވާހަކަ ދައްކަމުން، އެ ޓީވީގެ ސީއީއޯ ޔޫސުފް ޝަފީއު ވިދާޅުވީ، ވައިޓީވީ އަކީ ޒުވާނުން ކުރިއެރުވުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ޗެނަލެއް ކަމަށެވެ. އަދި އެޗެނަލުން ޒުވާނުން ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ޔޫސުފު ވިދާޅުވި އެވެ.
"ވައި ޓީވީ އަކީ މޯލްޑިވްސް ސޮސައިޓީ ފޮ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން ހިންގާ ޗެނަލެއް. ވައި ޓީވީގެ 80 ޕަސެންޓު ސްޓާފުންނަކީ އާ ކުދިން،" ޔޫސުފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވައި ޓީވީ އަކީ މުނިފޫހިފިލުވުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ޗެނަލެއް ކަމަށާއި އެ ޗެނަލުން އެއްވެސް ކަހަލަ ސިޔާސީ ޕްރޮގުރާމްތަކެއް ނުގެނެސްދޭނެ ކަމަށެވެ.
"ވައި ޓީވީ އިން ގެނެސްދޭނެ އަލަށް ތައާރަފުވާ ޑުރާމާތަކާއި ފިލްމުތައް. އެ ޗެނަލްގެ މީޑިއާ ނެޓު ނަންބަރަކީ 120." ޔޫސުފް ވިދާޅުވި އެވެ.
މިއަދު ރަސްމީކޮށް ފެށުނު އެ ޓީވީގެ ފުރަތަމަ ޕްރޮގުރާމަކީ "އަމާޒު ކުރިއަށް" ނަމަކަށް ކިޔާ ވެރައިޓީ ޝޯވް އެކެވެ. އެ ޝޯވް އަކީވެސް މުނިފޫހިފިލުވުމަށް ހާއްސަކޮށްގެން ގެނެސްދޭ ޝޯވް އެއް ކަމަށް ވައިޓީވީ އިން ބުނެ އެވެ.
ސަތާރަ މީހުންގެ ޓީމަކާ އެކު ހިންގާ އެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަކީ ނިއުމާ މުހައްމަދު އެވެ. އަދި އެ ޓީވީގެ މެނޭޖިންގު ޑިރެކްޓަރު އަކީ އަމްޖަދު އިބްރާހިމް އެވެ.