ހދ. ކުޑަމުރައިދޫގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް ހިންގުމަށްޓަކައި ޖޭއެޗް ޕްރައިވެޓް ލިމިޓެޑާއެކު ޓޫރިޒަމް މިނިސްޓްރީން ވެފައިވާ އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމްގައި ވަނީ ޖޭއެޗް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު 2006 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ސޮއިކޮށްފައިވާ ލީސް އެގްރީމެންޓު މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ބާތިލްވާނެކަން އަންގައި ފޮނުވާފައިވާ ނޯޓިހަކީ އެގްރީމެންޓާ ޚިލާފު އެންގުމެއް ކަމަށެވެ. އެހެންކަމުން އެ ނޯޓިސްގެ ސަބަބުން އެގްރީމެންޓު ބާތިލްނުވާ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އަދި އެ ނޯޓިހުގެ ސަބަބުން ޖޭއެޗް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމެއްގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އެކުންފުންޏަށް ލިބިގެންވާ ކަމުގައި ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.