28 Feb 2016, 14:49
ފުލުހުންގެ އިންސްޓްޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސް (އައިލްސް) އިން ހިންގި ބެޗްލާ އޮފް ސައިންސް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސް ޕްރޮގްރާމުން 44 ބޭފުޅަކު ދަސްވެނިވެއްޖެ އެވެ.
އެ އިންސްޓިޓިއުޓް އިން ފުރަތަމަ ފަހަރަށް ޑިގްރީ ހާސިލު ކުރި ދަރިވަރުންނަށް ދަސްވެނިވިކަމުގެ ސެޓްފިކެޓު ހަވާލު ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި އެ ފަރާތްތަކާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.

ފުލުހުންގެ އިންސްޓްޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސް އިން ހިންގި ކޯހުގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޒްލީނާ ހުސައިން
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، އަމަން އަމާންކަމުގެ ދާއިރާ އިން ގިނަ ދަރިވަރުންތަކެއް ސެޓުފިކެޓް ހާސިލު ކުރުމަކީ އެ ދާއިރާގައި އަލަށް އުކާލެވޭ ސޮފުހާއެއް ކަމަށެވެ. އަދި އެ ސޮފުހާ އުކާލެވުނީ ވަރަށް ހާއްސަ ވަގުތެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"[އެ ސަފުހާ އުކާލެވުނީ] ދިވެހިރާޢްޖެ ތަރައްގީގެ ދުވެލި ބާރު ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަމުންދާ ވަގުތެއްގައި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ލޯ އެންފޯސްމެންޓް ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ދިރާސީ ނަޒަރަކުން ބަލައި، އެހެންނިހެން ގައުމުތަކުން ކޮށްފައި ހުރި ތަޖުރިބާގެ އަލީގައި ކަންކަން ކުރުމުގެ އާދަ ދިވެހިރާއްޖޭގައި އަށަގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން، މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފާސްވެގެން މަތީ ވަނަތައް މި ހާސިލު ކުރެއްވި އެކިއެކި ބޭބޭފުޅުން ވާނީ މާދަމާގެ ދައުލަތުގެ އިސް މަގާމުތަކުގައި އިށީނދެ ސިޔާސަތުތައް ކަނޑައެޅުމުގައި ސިޔާސަތުތައް ތަންފީޒު ކުރުމުގައި އިސް ރޯލެއް އަދާ ކުރާ ބަޔަކަށް ކަން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގައުމަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުމަށް އެހެން ގައުމުތަކުން ކޮށްފައި ހުރި ތަޖުރިބާތައް ބަލައި ދިރާސާކޮށްފި ނަމަ އަވަސް ކަމާ އެކު ހެޔޮ އަގެއްގައި މައްސަލަތައް ހައްލު ވެގެންދާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ފުލުހުންގެ އައިލްސް އިން ހިންގި އެސޯސިއޭޓް ޑިގުރީ ޕްރޮގުރާމް އާއި އެ އިންސްޓިޓިއުޝަނުން ހިންގި ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސް ޕްރޮގްރާމް ނިންމި ދަރިވަރުންނަށް ވެސް ދަސްވެނިވިކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

ފުލުހުންގެ އިންސްޓްޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސް އިން ހިންގި ކޯހުގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޒްލީނާ ހުސައިން
އެސޯސިއޭޓު ޑިގުރީ ހާސިލުކުރި 39 ފަރާތަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފެވެ.

ފުލުހުންގެ އިންސްޓްޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސް އިން ހިންގި ކޯހުގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޒްލީނާ ހުސައިން
އަދި ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ދާއިރާ އިން ޑިޕްލޮމާ ހާސިލު ކުރި 46 ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ވެސްޓާން ސިޑްނީ ޔުނިވާސިޓީގެ ސީއީއޯ އަދި ކުރީގެ ޑީން ޑރ. ކޭރީ ހުޑްސަން އެވެ.
ބެޗްލާ އޮފް ސައިންސް ސެކިއުރިޓީ އެންޑު ލޯ އެންފޯސްމަންޓު ސްޓަޑީސް ޕްރޮގުރާމަކީ ފުލުހުންނާއި ވެސްޓާން ސިޑްނީ ޔުނިވާސިޓީ ގުޅިގެން ހިންގި ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމްގައި އެމްއެންޑީއެފް، ކަސްޓަމްސް، އިމިގުރޭޝަން ކަރެކްޝަނަލް ސާވިސްގެ އިތުރުން އެއާޕޯޓް އޮތޯރިޓީ އޮފިސަރުން ވެސް ބައިވެރިވެފައިވެ އެވެ.